ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އިންޑިއާގެ ޚާރިޖީ ވަޒީރަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
އިންޑިއާގެ 80 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް، ހިޒް އެކްސަލަންސީ ޑރ. އެސް. ޖައިޝަންކަރް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާ ދަންނަވައި ސިޓީފުޅެއް ފޮނުއްވައިފިއެވެ.
އެ ކަމަނާގެ ސިޓީފުޅުގައި، އިންޑިއާގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި، އެ ޤައުމުގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް އަށާއި އިންޑިއާ ސަރުކާރަށް އަދި ރައްޔިތުންނަށް، ތަހުނިޔާ އާއި ހެޔޮއެދުންތައް ދަންނަވާފައިވެއެވެ.
އަދި ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުން ފާހަގަކުރައްވައި، ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައިވެއެވެ.
މީގެ އިތުރުން، ދެ ޤައުމަށް ފައިދާހުރި ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާކުރުމަށް އިންޑިއާ ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް އެކަމަނާގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.
