logo
banner image

އޯއައިސީގެ 9 ވަނަ ކޮންފަރެންސް އޮން ވިމެން ބައްދަލުވުމުގައި ވަޒީރު ޤީލާ އަލީ ބައިވެރިވެވަޑައިގަންނަވައިފި

އޯއައިސީގެ 9 ވަނަ ކޮންފަރެންސް އޮން ވިމެން ބައްދަލުވުމުގައި ވަޒީރު ޤީލާ އަލީ ބައިވެރިވެވަޑައިގަންނަވައިފި

2026 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ އަންހެނުންގެ ކުރިއެރުމަށް ބާއްވާ ވަޒީރުންގެ މަޖިލީހުގެ 9 ވަނަ ސެޝަންގެ އާންމު ބަހުސްގައި، ޖެންޑަރ އިކުއަލިޓީ ނުވަތަ މިންތީގެ ހަމަހަމަކަމާއި އަންހެނުން ބާރުވެރިކުރުވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައް، މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، އޮނަރަބަލް ގީލާ އަލީ މިއަދު އަލުން ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

އޯ.އައި.ސީގެ މެންބަރު ޤައުމުތަކުގެ ވަޒީރުންނާއި މަންދޫބުންނާ މުޚާތަބު ކުރައްވަމުން، މިނިސްޓަރ ގީލާ އަލީ ވަނީ މި ކޮންފަރެންސްގެ ޝިއާރު ކަމަށްވާ "އޯ.އައި.ސީގެ ގައުމުތަކުގައި އަންހެނުން އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ގޮތުން ބާރުވެރިކުރުވުން: ގޮންޖެހުންތަކާއި ކުރިއަށް ދާނެ މަގު" އަށް މަރުހަބާ ވިދާޅުވެފައެވެ. މި ޝިއާރަކީ ދިވެހިރާއްޖޭގެ 'ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން (ޖީ.އީ.އޭ.ޕީ) 2022-2026' ގެ ދަށުން ކަނޑައަޅާފައިވާ ގައުމީ އިސްކަންދޭ ކަންތައްތަކާ ވަރަށް ބޮޑަށް ގުޅޭ ޝިއާރެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މި ޕްލޭނަކީ އަންހެނުންގެ ލީޑަރޝިޕާއި، އިޤްތިޞާދީ ބާރުވެރިކަމާއި، މުއައްސަސާތަކުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމާއި، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ނައްތާލުމާއި، އިންސާފަށް ވާސިލުވުމުގެ ފުރުޞަތުތައް އިތުރުކުރުމަށް އެކުލަވާލާފައިވާ ޤައުމީ އޮނިގަނޑެކެވެ.

ލީޑަރޝިޕާއި ގަވަރނަންސްގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ އިންތިޚާބީ ކައުންސިލަރުންގެ 37 އިންސައްތައަކީ އަންހެނުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ނިންމުންތައް ނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ދޭ ސަމާލުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މިގޮތުން 'ޓޭކިންގ ދަ ލީޑް: ވިމެން އިން ޕޮލިޓިކްސް' އަދި 'ޕްރެކްޓިސް ޕާލަމެންޓް ފޯ ވިމެން' ފަދަ ހަރަކާތްތަކުގެ ޒަރީއާއިން އަންހެނުން ލީޑަރޝިޕް ދައުރުތަކަށް ތައްޔާރުކުރަމުންދާކަން ބަޔާންކުރެއްވިއެވެ. މީގެ އިތުރުން، ރަށު ފެންވަރުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އަތޮޅު، ސަރަޙައްދީ އަދި ޤައުމީ ފެންވަރުގެ ސިޔާސަތުތައް ކަނޑައަޅާ މަސްދަރުތަކާ ގުޅުވައިދޭ 'ވިމަން ކޯކަސް' އެއް އުފެއްދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން މިނިސްޓަރ އިޢުލާން ކުރެއްވިއެވެ. އަދި 'މޯލްޑިވިއަން ޖެންޑަރ އިކުއަލިޓީ މޮޑެލް' (އެމް.ޖީ.އީ.އެމް) މެދުވެރިކޮށް މުޢައްސަސާތަކުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމާއި، ޤައުމީ ރޭވުންތަކާއި ވަސީލަތްތައް ބެހުމުގައި މިންތީގެ ހަމަހަމަކަމަށް ރިއާޔަތްކުރާ ބަޖެޓެއް (ޖީ.އާރް.ބީ) އެކުލަވާލުމަށް ކުރަމުންދާ މަސައްކަތްތައްވެސް ފާހަގަކުރެއްވިއެވެ.

އަންހެނުންގެ އިޤްތިސާދީ ބާރުވެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އަންހެން ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަމާއި ތަމްރީނު ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ. އެސް.އެމް.އީ ޑިޖިޓަލް މެދުވެރިކޮށް ހިންގާ 100 މިލިއަން ރުފިޔާގެ ލޯނު ސްކީމާއި، އަންހެނުންނަށް ޚާއްސަ ލީސިންގ ފެސިލިޓީގެ މައުލޫމާތު ހިއްސާކުރެއްވިއެވެ. 2026 އޭޕްރިލްގެ ނިޔަލަށް 82 އަންހެން ވިޔަފާރިވެރިއަކަށް 17.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އަންހެނުންގެ އިޤްތިސާދީ ހާލަތު ދެނެގަތުމަށްޓަކައި އެކި އަތޮޅުތަކުގެ 275 އަށްވުރެ ގިނަ އަންހެން ވިޔަފާރިވެރިންނާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާ ނައްތާލުމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ކަށަވަރުކޮށްދެއްވަމުން، ސިއްހީ ދާއިރާގެ އުޞޫލުތައް އިސްލާޙުކުރުމާއި، 'އެކު އެކީ' ގެ ނަމުގައި ގެވެށިއަނިޔާ އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމަށް ޒުވާނުންނަށް ހިންގާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްގެ އިތުރުން ފަނޑިޔާރުންނާއި ކޭސްވޯކަރުން ތަމްރީނުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން ބަޔާންކުރެއްވިއެވެ. އަދި މިފަދަ ހައްސާސް މައްސަލަތައް ރިޕޯޓްކުރުމުގައި ގެންގުޅެންޖެހޭ މީޑިއާ ގައިޑްލައިންތައް އެކުލަވާލާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ގީލާ އަލީގެ ބަޔާން ނިންމަވާލެއްވީ، މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގައި ވަޞީލަތްތަކާއި މުޢައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމުގައި ގޮންޖެހުންތައް ހުރިކަން ޤަބޫލުކުރައްވަމުންނެވެ. އަދި މި ގޮންޖެހުންތަކުން އަރައިގަތުމަށް އޯ.އައި.ސީގެ މެންބަރު ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.