ރީޖަނަލް އޭވިއޭޝަން ސެކިއުރިޓީ ކޯޑިނޭޝަން ފޯރަމްގައި ޑާސާ އިން ބައިވެރިވެއްޖެ
ޖޫން 23 އިން 24 އަށް ސްރީލަންކާގެ ނެގޮމްބޯގައި ކުރިއަށްދިޔަ "ކޯޕަރޭޓިވް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް – އޭޝިއާ ޕެސިފިކް" (CASP-AP) ސްޓިއަރިން ކޮމެޓީގެ 21 ވަނަ ބައްދަލުވުމާއި، ޖޫން 25 އިން 26 އަށް ބޭއްވުނު އެ ޕްރޮގްރާމްގެ ރީޖަނަލް އޭވިއޭޝަން ސެކިއުރިޓީ ކޯޑިނޭޝަން ފޯރަމްގެ 14 ވަނަ ބައްދަލުވުމުގައި ދިފާއީ އަދި ވަތަނީ ޙިދުމަތާއި ބެހޭ ވުޒާރާގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) ގެ ފަރާތުން ޗީފް އިންސްޕެކްޓަރ އަޙްމަދު ނަޝީދު އަދި އެސިސްޓަންޓް ކޮލިޓީ ކޮންޓްރޯލް އޮފިސަރ ފާޠިމަތު ސިރާޖާ ބައިވެރިވެވަޑައިގެންފިއެވެ.
ސްޓިއަރިން ކޮމެޓީގެ 21 ވަނަ ބައްދަލުވުމުގައި، މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތައް ހާސިލުކުރުމުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި، ސަރަހައްދީ ފެންވަރުގައި މައުލޫމާތު ބަދަލުކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށާއި، މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
ރީޖަނަލް އޭވިއޭޝަން ސެކިއުރިޓީ ކޯޑިނޭޝަން ފޯރަމްގެ 14 ވަނަ ބައްދަލުވުމުގައި، ބަދަލުވަމުންދާ މަޝްރަހުގައި ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ކުރިމަތިވާ ޓެރަރިޒަމްގެ އައު ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ ނިޒާމު ހަރުދަނާކުރުމުގެ މުހިންމުކަން މެންބަރު ގައުމުތަކުން ފާހަގަކުރިއެވެ. އަދި ވައިގެ ބަނދަރުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ޒަމާނީ ވަސީލަތްތައް ބޭނުންކުރުމާއި، ހާލަތްތަކަށް އަހުލުވެރި ގާބިލު މުވައްޒަފުން ބިނާކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ދެ ޕްރެޒެންޓޭޝަނެއް ހުށަހެޅިއެވެ. ފުރަތަމަ ޕްރެޒެންޓޭޝަނަކީ "އޮޕަރޭޝަނަލް ރިސްކް ރެޖިސްޓަރ އިމްޕްލިމެންޓޭޝަން" އެވެ. މީގައި CASP-AP އިން ތައްޔާރުކޮށްފައިވާ އޯވަރސައިޓް ރިޕޯޓިން އެންޑް ރިޒޮލިއުޝަން ސޮފްޓްވެއަރ ބޭނުންކުރުމުގައި ރާއްޖޭގެ ތަޖުރިބާއާއި، އެ ސޮފްޓްވެއަރ އިތުރަށް ފުރިހަމަކުރުމަށް ރާއްޖެއިން ހުށަހެޅި ބަދަލުތަކުގެ ސަބަބުން ލިބުނު ކުރިއެރުންތައް ހިއްސާކުރިއެވެ. ދެވަނަ ޕްރެޒެންޓޭޝަނަކީ "ކޮމްޕިއުޓަރ ބޭސްޑް ޓްރޭނިންގ ސިސްޓަމް" އެވެ. މީގައި އެކްސްރޭ މެޝިން އޮޕަރޭޓްކުރާ ސްކްރީނަރުން ތަމްރީނުކުރުމުގައި މި ސޮފްޓްވެއަރގެ މުހިންމުކަމާއި، އޭގެ އިމޭޖް ލައިބްރަރީ ތަރައްގީކުރުމަށް ރާއްޖެއިން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކުރިއެވެ.
ރާއްޖޭގެ ފަރާތުން ހުށަހެޅި ކަންކަމާއި ކުރި މަޝްވަރާތަކުގެ ސަބަބުން، 2033 ވަނަ އަހަރާ ހަމައަށް އެކުލަވާލާފައިވާ "ގްލޯބަލް އޭވިއޭޝަން ސެކިއުރިޓީ ޕްލޭން" ގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށް މެންބަރު ގައުމުތަކުން މަރުހަބާ ކިޔާފައިވެއެވެ. އަދި އައިކާއޯ (ICAO) އާއި CASP-AP އަދި އެކުވެރި ގައުމުތަކުން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށްޓަކައި ރާއްޖޭގެ ފަރާތުން ޝުކުރު އަދާކުރިއެވެ.
