ބެންކޮކްގައި ބޭއްވި ބްލޫ ކާބަން ފައިނޭންސްގެ ޕެނަލް މަޝްވަރާގައި ރާއްޖޭގެ މިނިސްޓްރީގެ ޑިރެކްޓަރު އަޙްމަދު ވަޙީދު ބައިވެރިވެވަޑައިގެންފި
ތައިލެންޑުގެ ބެންކޮކްގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (UN ESCAP) ގެ "ކޮމިޓީ އޮން އެންވަޔަރަންމަންޓް އެންޑް ޑިވެލޮޕްމަންޓް" ގެ ނުވަވަނަ ސެޝަނުގެ ތެރެއިން ބޭއްވި "ބްލޫ ކާބަން ފައިނޭންސް" ހަރަކާތުގެ ޕެނަލް މަޝްވަރާގައި ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓްރީގެ ޑިރެކްޓަރު އަޙްމަދު ވަޙީދު ބައިވެރިވެވަޑައިގެންފިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އަޙްމަދު ވަޙީދު ވަނީ ދިވެހިރާއްޖޭގެ ބްލޫ ކާބަންގެ މިހާރުގެ ހާލަތާއި، މި ދާއިރާއިން ރާއްޖޭގައި ކުރިން ކުރެވިފައިވާ މުހިންމު މަސައްކަތްތަކުގެ މައްޗަށް ބަލާލާފައެވެ. އަދި ހަމައެހެންމެ، ތިމާވެށި ހިމާޔަތްކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ރާއްޖޭގައި މިހާރު ކުރިއަށްދާ މުހިންމު ހަރަކާތްތަކާ ގުޅޭގޮތުން ވަރަށް ތަފްސީލީ ޕްރެޒެންޓޭޝަނެއް އޭނާ ވަނީ ހުށަހަޅުއްވައިފައެވެ.
މި ޕްރެޒެންޓޭޝަނުގައި ރާއްޖޭގެ ކަނޑުފަޅުތަކާއި ފަރުތަކަކީ ބްލޫ ކާބަން ރައްކާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ތަންތަންކަން ފާހަގަކުރައްވައި، މިފަދަ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި ފަންނީ ގާބިލްކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މި ސެޝަނަކީ ދުނިޔޭގެ ތިމާވެށީގެ ދާއިރާގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ގައުމުތަކުގެ މެދުގައި ތަޖުރިބާ ހިއްސާކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. ރާއްޖޭގެ ފަރާތުން މިފަދަ ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި ބައިވެރިވުމަކީ، މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ދުނިޔެއަށް ހާމަކޮށްދިނުމަށް ލިބުނު މުހިންމު ފުރުސަތެކެވެ.
