logo
banner image

ހއ. ބާރަށުަގއި ސޫފިތައް ކޮންޓްރޯލް ކުރާ "ސިސްޓެމިކް ޕެސްޓިސައިޑް" ބޭނުން ކުރާނެ އަމަކީ ހަރަކާތެއް

ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ޚާއްޞަކޮށް ރުއްތަކަށް ހުދު ކޫޑި (ވައިޓް ފްލައި) އާއި ހިސްޕިޑް ބީޓްލް ގެ ނުރައްކާ ބޮޑުވެ، އޭގެ ސަބަބުން ގަސްގަހާގެއްސަށް ލިބެމުންދާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި މިހާރު ވަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

މި މަސައްކަތުގައި މިނިސްޓްރީއަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، "ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (CATAS) “އިން ވަނީ މި ސޫފިތައް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ޚާއްޞަ "ސިސްޓެމިކް ޕެސްޓިސައިޑް" ފޯރުކޮށްދީފައެވެ.

މި ހިނގާ 2026 ޖޫން 23 ވަނަ ދުވަހު، މިނިސްޓްރީގެ ޓީމަކާއި CATAS ގެ މަންދޫބުން ވަނީ ހއ. ބާރަށަށް ޒިޔާރަތްކޮށް، މި ބޭސް ބޭނުންކޮށްގެން ސޫފިތައް ކޮންޓްރޯލް ކުރާނެ ގޮތުގެ ފަންނީ އިރުޝާދު ދީފައެވެ. މި ޒިޔާރަތުގެ ތެރެއިން، ބޭސް ރައްކާތެރިކަމާއެކު ބޭނުންކުރާނެ ގޮތުގެ އަމަލީ ތަމްރީނުތައް ދިނުމުގެ އިތުރުން، ބޭސް ބޭނުންކުރުމުގައި ސަމާލުކަންދޭންޖެހޭ ސަލާމަތީ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. މީގެ އިތުރުން، މި ބޭސް މަސައްކަތްކުރާ ގޮތާއި، ހުދު ކޫޑި އާއި ހިސްޕިޑް ބީޓްލް ނައްތާލުމުގައި މި ބޭހުގެ ނަތީޖާ ފެންނަ މިންވަރާ ބެހޭގޮތުންވެސް ވަނީ ތަފްސީލީ މައުލޫމާތު ދީފައެވެ.

ބާރަށަށް ކުރި މި ޒިޔާރަތަކީ، ރާއްޖޭގެ ރުއްތަކާއި އެހެނިހެން ގަސްގަހާގެހި މިފަދަ ސޫފިތަކުން ސަލާމަތްކޮށް، އޭގެ ފެތުރުން ހުއްޓުވުމަށް ކުރަމުންދާ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ބައެކެވެ. މި މަސައްކަތްތަކުގެ މައިގަނޑު މަގުސަދަކީ ރަށުގެ ދަނޑުވެރިކަމާއި ގަސްގަހާގެހީގެ ދުޅަހެޔޮކަން ދަމަހައްޓައި، އުފެއްދުންތެރިކަން އިތުރުކުރުމެވެ