logo
banner image

އަރިއަތޮޅު ދެކުނުބުރީގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދުގައި ދުއްވާ އުޅަނދުފަހަރުގެ ބުރަފަތީގައި ރައްކާތެރިކަމުގެ ދާޖެހުން މަޖުބޫރުކޮށްފި

އަރިއަތޮޅު ދެކުނުބުރީގެ މެރިން ޕްރޮޓެކްޓެޑް އޭރިއާ (SAMPA) މެނޭޖްމަންޓް ޕްލޭންގެ ދަށުން، އެ ސަރަޙައްދުގައި ދުއްވާ އުޅަނދުފަހަރުގެ ބުރަފަތީގައި ރައްކާތެރިކަމުގެ ދާ ނުވަތަ "ޕްރޮޕެލަރ ގާޑް" 30 ޖޫން 2026 ގެ ކުރިން ހަރުކުރަންޖެހޭ ގޮތަށް ނިންމައިފިއެވެ.

މި ނިންމުމަކީ އެ ސަރަޙައްދުގެ ކަނޑުގެ ދިރުންތަކާއި އިންސާނުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ބުރަފަތީގައި ރައްކާތެރިކަމުގެ ދާ ހަރުކުރުމުގެ މައިގަނޑު ދެ ބޭނުމަކީ:

އެއްޗެއްގައި ޖެހިގެން ބުރަފައްޗަށް ނުވަތަ ގިއަރ ބޮކްސަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުން.

މޫދުގައި އުޅޭ މީހަކު ނުވަތަ ފެހުރިހީގެ ފަދަ ކަނޑުގެ ދިރުންތައް އެނބުރޭ ބުރަފައްޗެއްގައި ޖެހި ލިބިދާނެ އަނިޔާއަކުން ރައްކާތެރިކުރުން.

ނަމަވެސް، ހަމައެކަނި ބުރަފަތީގައި ދާ ހަރުކުރުމުން ހުރިހާ ނުރައްކަލަކުން ސަލާމަތެއް ނުވެވޭނެއެވެ. ބުރަފަތިން ލިބޭ އަނިޔާތަކުން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެނބުރޭ ބުރަފައްޗެއްގެ ކައިރީގައި މީހަކު ނުވަތަ ދިރުމެއް ހުރިޔަނުދިނުމެވެ. އެގޮތުން އުޅަނދު ދުއްވާ ފަރާތްތަކުން ތިރީގައިވާ ކަންކަމަށް ސަމާލުވުމަށް ވަނީ އިރުޝާދު ދީފައެވެ:

ހުރިހާ ވަގުތެއްގައިވެސް ވަށައިގެންވާ މާޙައުލަށް ރަނގަޅަށް ބެލުން.

އިންޖީނު ޖެއްސުމުގެ ކުރިން ބުރަފަތި ކައިރީގައި ނުރައްކަލެއް އޮތްތޯ ޗެކްކުރުން.

އިންޖީނު ހިނގާ ވަގުތު "ކިލް ކޯޑް" ބޭނުންކުރުން.

މޫދުގައި އުޅޭ މީހަކު ބުރަފަތީގައި ޖެހިދާނެ ފަދަ ނުރައްކަލެއް އޮތްނަމަ އިންޖީނު ނިއްވާލުން.

މޫދަށް ވެއްޓި ބުރަފަތީގައި ޖެހިދާނެ ފަދަ ނުރައްކާތަކާ ގުޅޭގޮތުން ފަސިންޖަރުންނަށް މަޢުލޫމާތު ދިނުން.

މެނޭޖްމަންޓް ޕްލޭންގައި ކަނޑައަޅާފައިވާ ދުވެލީގެ މިންގަނޑުތަކާއި ދުރުމިނަށް ބޯލެނބުން.

މި އުޞޫލުތަކަށް ބޯލެނބުމަކީ ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތެވެ. ކަމެއް ދިމާވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ އެންމެ ބުއްދިވެރި ގޮތެވެ.