5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން މާފުށީގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް ބާއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙު ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން، ކ. މާފުށީގެ ހިއްކި ބިމުގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް މިއަދު ބާއްވައިފިއެވެ.

މި ހަރަކާތަކީ ތިމާވެށި ހިމާޔަތްކުރުމަށާއި، ރަށް ފެހިކުރުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް ކުލައިމެޓް ޗޭންޖް އެންވަޔަރަމަންޓް އެންޑް އެނާރޖީ، އެސްޑީއެމް، މާފުށީ ކައުންސިލް އިދާރާ އަދި ކަމާގުޅޭ އެހެނިހެން މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދިޔަ ކާމިޔާބު ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށް ގޮސްފައިވަނީ މާފުށީގައި އަލަށް ހިއްކާފައިވާ ސަރަޙައްދުގައެވެ.

މިއަދު ބޭއްވުނު މި ރަސްމިއްޔާތުގައި މިނިސްޓަރ އަލްފާޟިލް ޢަލީ ޝަރީފް ބައިވެރިވެވަޑައިގެން، ޢަމަލީގޮތުން ގަސް އިންދުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މިނިސްޓަރުގެ އިތުރުން މާފުށީގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި، ދައުލަތުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުން މި ހަރަކާތުގައި ބައިވެރިވިއެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ ބިންގަނޑު ހިމާޔަތްކުރުމަށާއި، ދުނިޔެއަށް އަންނަ މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މާފުށީގައި މިއަދު އިންދާފައިވަނީ ރާއްޖޭގެ މާހައުލާ ގުޅޭ، ހިޔާލިބޭނެ ފަދަ އެކި ބާވަތްތަކުގެ ގަސްތަކެވެ.
