މޫސުމީ ބަދަލުތަކާ ބެހޭ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ހުށަހެޅި ފުރަތަމަ ރިޕޯޓުގެ މުރާޖައާ ކާމިޔާބުކަމާއެކު ނިންމާލައިފި
އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ މުއާހަދާ (UNFCCC) ގެ ޕެރިސް އެގްރީމަންޓުގެ ދަށުން ދިވެހިރާއްޖެއިން ހުށަހަޅަންޖެހޭ ފުރަތަމަ "ބައިއެނިއަލް ޓްރާންސްޕޭރަންސީ ރިޕޯޓް" (BTR1) އާ ގުޅޭ "ފެސިލިޓޭޓިވް މަލްޓިލޭޓަރަލް ކޮންސިޑަރޭޝަން އޮފް ޕްރޮގްރެސް" (FMCP) މަރުހަލާ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މަރުހަލާއަކީ ޕެރިސް އެގްރީމަންޓުގެ ދަށުން ގައުމުތަކުން މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާއި، ވެފައިވާ އިގުރާރުތަކާ އެއްގޮތަށް ކުރިއަށްދާ މިންވަރު ބައިނަލްއަގުވާމީ މައިދާނުގައި ބަލައި، ވަޒަންކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ.
އެފް.އެމް.ސީ.ޕީ (FMCP) ގެ ސަބަބުން، މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކާ ގުޅޭގޮތުން އެހެން ގައުމުތަކާއެކު ބިނާކުރަނިވި މަޝްވަރާތައް ކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ. މީގެ އިތުރުން، މި ދާއިރާއިން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ލިބިފައިވާ ތަޖުރިބާތައް އެހެން ގައުމުތަކާ ހިއްސާކުރުމަށް މި ބައްދަލުވުން މަގުފަހިކޮށްދިނެވެ.
މި ރިޕޯޓަކީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ހިފާފައިވާ އަމާޒުތަކަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތުގެ ދެފުށް ފެންނަ މިންވަރު ހާމަކޮށްދޭ މުހިންމު ފިޔަވަޅެކެވެ.
މި ކާމިޔާބީއާއެކު، ބައިނަލްއަގުވާމީ މޫސުމީ އެއްބަސްވުންތަކަށް ރާއްޖެއިން ފުރިހަމައަށް ބޯލަނބާކަމާއި، ތިމާވެށި ހިމާޔަތްކުރުމުގައި ރާއްޖެއިން ދަމަހައްޓަމުންދާ އިސްނެގުން ވަނީ އަނެއްކާވެސް ސާބިތުކޮށްދީފައެވެ.
