ޣާޒީ ސްކޫލުގެ ދަރިވަރުންނަށް ހިންގި ހައިޑްރޯޕޮނިކްސް ތަމްރީން ވަރަށް ކާމިޔާބު
ރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވާއި، ތަރަޤީކުރުމަށް، ސަރުކާރުން ނުހަނު އިސްކަމެއް ދެއެވެ. އެގޮތުން ކުރެވޭ އެންމެ މުހިންމުކަމަކީ ޅަފަތުގައި ކުދިން، މިކަމަށް އަހުކުވެރިކޮށް ޝައުގުވެރިކުރުވުމެވެ. މި މަގުސަދުގައި މި ވުޒާރާއިން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގެ ސްކޫލްތަކުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ޒަމާނީ ދަނޑުވެރިކަމުގެ ތަމްރީންތައް ފޯރުކޮށްދެމުންނެވެ.
މި މަސައްކަތުގެ ތެރެއިން އޭޕްރީލް 22 ވަނަ ދުވަހު ޣާޒީ ސްކޫލުގެ ދަރިވަރުންނަށް ފެށި ހައިޑްރޯޕޮނިކްސް ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ވަނީ ނިންމާފައެވެ.
މި ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތު 21 މެއި ވީ ބުރާސްފަތި ދުވަހު، ޣާޒީ ސްކޫލްގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޗަރަފްވެރިކޮށްދެއްވީ މި ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ހަސަން ދިދީ އެވެ.

ދަރިވަރުން ސިސްޓަމުގައި، ލެޑިއުސް އަދި ޗައިނީސް ކެބެޖު ހިމެނޭހެން 160 ގަސް ހައްދާފައެވެ. އިއްޔެގެ ރަސްމިއްޔާތުގައި ވަނީ އެ ގަސްތަކުން ފަތް ކަނޑާފައެވެ.
މި ޕްރޮގްރާމުގައި އެ 38 ބައިވެރިން ބައިވެރިވިއިރު، ފުރަތަމަ ދުވަހު ކުރިއަށް ގެންދިޔައީ ތިއަރީ ބައެވެ. މި ސެޝަނުގައި ދަރިވަރުންނާއި މުވައްޒަފުންނަށް ހައިޑްރޯޕޮނިކްސްގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ފަންނީ މައުލޫމާތު ވަނީ ހިއްސާކުރިއެވެ..
އޭގެ ފަހުން ކުރިޔަށްގެންދިޔަ އަމަލީ މަސައްކަތުގެ ސެޝަންތަކެވެ. އޭގައި ގަސް އިންދުމަށް ބޭނުންވާ މީޑިއަމް ތައްޔާރުކުރާނެ ގޮތާއި އޮށް އިންދާނެ ގޮތް ދަރިވަރުންނާއި މުވައްޒަފުން ވަނީ ދަސްކޮށްފައެވެ. މިގޮތުން ދަރިވަރުން ކުރިން އިންދާފައިވާ ކުދި ގަސްތައް ހައިޑްރޯޕޮނިކްސް ސިސްޓަމްތަކަށް ބަދަލުކުރުން ކުރިޔަށް ގެންދިޔައެވެ.
މި ތަމްރީން ޕްރޮގްރާމް، އޮށް އިންދުމާއި ހިސާބުން ފެށިގެން އެއިން ކާނާ ކެނޑުމާއިހަމައަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި މައުލޫމާތުތައް މި ވުޒާރާގެ ތަޖުރިބާކާރުން ވަނީ ކުރިޔަށް ގެންގޮސްފައެވެ.
މި ތަމްރީން ޕްރޮގްރާމަށް ހެދަވީ 25 ދުވަހެވެ.
