"ޝަރުޢީ ދާއިރާގެ މާލީ ކަންކަމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" 21 ވަނަ ބައި
މި ލިއުމުގެ މި ގެނެސްދެނީ، "ޝަރުޢީ ދާއިރާގެ މާލީ ކަންކަމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.
މި ލިއުމުގައި ގެނެސްދޭނީ އުސޫލުގެ މާއްދާތައް ވަކިވަކިންނެވެ.
މާނަކުރުން 23.
މި އުސޫލުގައި އިބާރާތެއް ހިމަނާފައިވާ ގޮތް ނޫން އެހެންގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހާ ހިނދަކު، މި އުސޫލުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް ބޭނުންކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ހ) "ޝަރުޢީ ދާއިރާ" ކަމަށް ބުނެފައި އެ ވަނީ، ދިވެހިރާއްޖޭގެ ޢަދުލު އިންސާފު ޤާއިމްކުުރުމުގެ ބާރުގެތެރޭގައި ހިމެނޭ ކޯޓު ތަކާއި "ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން" އާއި ޑިޕާޓްމަންޓްގެ ދަށުން ހިންގާ އެންމެހައި އިދާރާތަކަށެވެ.
(ށ) "ކޮންޑިޝަނަލް ގްރާންޓް" ކަމަށް ބުނެފައި އެވަނީ، ވަކި ޚާއްސަ ހާލަތްތަކެއްގައި ޝަރުތުތަކަކާއިއެކު ދައުލަތުން ޖުޑިޝަރީއަށް ދޭ ހިލޭ އެހީއަށެވެ.
(ނ) "މެދުރާސްތާ" ކަމަށް ބުނެފައި އެވަނީ ވިދިވިގެެން އަންނަ 3 (ތިން އަހަރު) ދުވަހުގެ މުއްދަތަށެވެ.
(ރ) "މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 11/2016 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (އ) ދައުލަތުގެ މުވައްޒަފުން މާނަކޮށްފައިވާ ގޮތާއި އެއްގޮތަށެވެ.
(ބ) "ދައުލަތުގެ މާލިއްޔަތުގެ ގަވައިދު" ކަމަށް ބުނެފައި އެވަނީ، ގަވައިދު ނަންބަރު R-158/2023 (ދައުލަތުގެ މާލިއްޔަތުގެ ގަވައިދު) އާއި އެ ގަވައިދަށް ގެންނަ އިސްލާހުތަކަށެވެ.
(ޅ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ ދައުލަތުގެ މާލިއްޔަތާއި ބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ކ) "ޕީ.އެސް.އައި.ޕީ" ކަމަށް ބުނެފައި އެވަނީ "ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް" އަށެވެ.
