logo
banner image

މިތައިލްފެނިޑޭޓް ލިބޭނެ ގޮތް ހަމަޖެއްސުމަށް ރައީސުލްޖުމްހުރިއްޔާގެ ޤަރާރަކުން ކަނޑައަޅުއްވައިފި

އެޓެންޝަން ޑެފިސިޓް ހައިޕަރ އެކްޓިވިޓީ ޑިސްއޯޑަރ (އޭ.ޑީ.އެޗް.ޑީ) ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމުގައި، ފަސްޓްލައިން ޓްރީޓްމަންޓަށް ބޭނުންކުރާ ބޭހުގެ ބާވަތެއްކަމަށްވާ މިތައިލްފެނިޑޭޓް ލިބޭނެ ގޮތް ހަމަޖެއްސުމަށް ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އަށް އިސްލާޙްގެންނެވުމަށް ރައީސުލްޖުމްހުރިއްޔާގެ ޤަރާރަކުން ކަނޑައަޅުއްވައިފިއެވެ.

މިގޮތަށް ކަނޑައެޅުއްވީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނު ގެ ޖަދުވަލު 1 އިޞްލާޙުކުރައްވާ ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނެރުއްވި، ނަންބަރު 10/2026 ޤަރާރުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ހުށަހަޅުއްވާފައިވާ ލަފަޔާމެދު، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 4-3 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ހުށަހެޅުއްވުމުން، އެ ޤާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ލިސްޓުގެ 89 ވަނަ ނަންބަރުގައިވާ މިތައިލްފެނިޑޭޓް (Methylphenidate) އެ ލިސްޓުން އުނިކޮށް، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި އެ ބޭސް ހަމަޖެއްސުމަށް ރުހުން ދިނުމަށް ފެނިވަޑައިގަންނަވާކަމަށް، 11 މޭ 2026 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާގައި ފާސްކުރައްވާފައިވާތީއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ވިދާޅުވީ، މި ބޭސް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މި ބޭސް ރާއްޖެއަށް އެތެރެކުރުމާއި ބަލިމީހުންނަށް ފަރުވާ ކޮށްދިނުމުގައި އަމަލުކުރަމުންދަނީ އެމްއެފްޑީއޭގެ ކޮންޓްރޯލް ޑްރަގް މޮނިޓަރ ކުރުމުގެ އުސޫލާއި އެއްގޮތައް ކަމަށެވެ.

އެގޮތުން އެ އުސޫލުގެ ތެރެއިން ރާއްޖެއަށް އެތެރެކުރާ ބޭހުގެ ކޮލިޓީއާއި ރައްކާތެރިކަން އެ އޮތޯރިޓީން ތަހްގީޤްކޮށް ކަށަވަރުކުރާނެ އެވެ. އަދި މި ބޭސް ވިއްކޭނީ ހަމައެކަނި އެމް.އެފް.ޑީ.އޭ އިން ހުއްދަދޭ ހޮސްޕިޓަލް ފާމަސީތަކާއި ކްލިނިކްތަކަށެވެ. އަދި ބޭސް ދޫކުރެވޭނީ ރަޖިސްޓްރީވެފައިވާ ސައިކިއޭޓްރިސްޓުން ނުވަތަ ޕީޑިއަޓްރިޝަނުން ދޭ ސައްޙަ ބޭސްސިޓީއަކަށް އެކަންޏެވެ.

މީގެއިތުރުން މި ބޭސް ބޭނުންކުރަމުންދާ ގޮތް އެމް.އެފް.ޑީ.އޭގެ "މެޑިސިންސް އެންޑް ތެރަޕިއުޓިކް ގުޑްސް" ޑިވިޜަނުން މެދުނުކެނޑި މޮނިޓަރކުރަމުންދާނެއެވެ.

މިތައިލްފެނިޑޭޓްއަކީ ސިކުނޑީގައި ޑޮޕަމިން އަދި ނޯރެޕިނެފްރިން އެކްޓިވިޓީ މޮޑިއުލޭޓްކޮށްގެން އިންއެޓެންޝަން، ހައިޕަރއެކްޓިވިޓީ، އަދި އިމްޕަލްސިވިޓީ ފަދަ ކޯރ އޭ.ޑީ.އެޗް.ޑީ އަލާމާތްތައް ރަނގަޅުކޮށްދޭ ސްޓިމިއުލަންޓް ބޭހެކެވެ. މި ބޭހުގެ ފަރުވާއިން އޭ.ޑީ.އެޗް.ޑީ ހުންނަ އުމުރުން 5 އަހަރުން މަތީގެ ކުދިންނަށް ތަޢުލީމީ ނަތީޖާއާއި، އިޖުތިމާޢީ ގުޅުންތަކާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭކަމަށް ގިނަ އަދަދެއްގެ ދިރާސާތަކުން ދައްކާފައިވެއެވެ.