logo
banner image

ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތަކުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެ

ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ.އުލިގަމާއި، ހދ.ހަނިމާދޫ އަދި ޅ.ހިންނަވަރުގައި މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެއެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން އެ ރަށްރަށުގެ މުއައްސަސާތާކާ ގުޅިގެން ކުލަގަދަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ހއ.އުލިގަމުގައި މި ދުވަހުގެ ހަރަކާތްތައް އެ ރަށު ބޯޅަގަނޑުގައި ބާއްވާފައިވާއިރު، ހދ.ހަނިމާދޫގައި ކުޅިވަރުތައް ކުރިއަށްގެންގޮސްފައިވަނީ އެ ރަށު ސްކޫލުގައެވެ. އަދި ޅ.ހިންނަވަރުގައި މި ހަރަކާތްތައް ބާއްވާފައިވަނީ އެ ރަށު އަތިރިމަތީ ސަރަހައްދުގައެވެ.

ނޮދަން އޭރިއާ ކޮމާންޑަށް ނިސްބަތްވާ މި ރަށްރަށުގައި ކުރިއަށްދިޔަ މި ހަރަކާތްތަކުގައި، ކުޑަކުދިންނާ ގުޅޭ ތަފާތު ގިނަ ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއްވަނީ ހިމަނާފައެވެ. މި ހަރަކާތުގެ ތެރެއިން ކުދިންގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ، އެމްއެންޑީއެފްގެ ސިފައިން ބޭނުންކުރާ ތަފާތު ޔުނިފޯމްތަކާ އެކު ފޮޓޯ ނެގުމަށް ދެވުނު ފުރުސަތަށެވެ.

މި ހަރަކާތްތަކުގެ މައިގަނޑު މަގްސަދަކީ ކުޑަކުދިންގެ ދުވަހުގެ އުފަލުގައި ސިފައިން ބައިވެރިވެ، ހުރިހާ ކުޑަކުދިން އެއްތަނަކުން ބައްދަލުވެ ކުޑަކުދިންގެ ދުވަސް އުފާވެރި މާހައުލެއްގައި ފާހަގަކުރުމާއި، ސިފައިންނާއި ކުޑަކުދިންނާ އޮންނަ ލޯތްބާއި ގުޅުން ބަދަހިކުރުމެވެ. އަދި މި ހަރަކާތްތަކަށް ކުޑަކުދިންގެ ފަރާތުން ބޮޑު ތަރުހީބެއްވަނީ ލިބިގެން ގޮސްފައެވެ.