ސިފަމާ "ފަން ރަން 2026" ބާއްވައިފި
ސިފައިންގެ ފެމެލީ އެސޯސިއޭޝަން (ސިފަމާ)އިން އިންތިޒާމުކޮށްގެން، ސިފަމާ "ފަން ރަން 2026" ބާއްވައިފިއެވެ.
ހުޅުމާލެ ސިންތެޓިކް ޓްރެކުގައި މި މަހު 9ވަނަ ދުވަހު ބޭއްވި މި ދުވުން ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދުއެވެ. އަދި މި ހަރަކާތުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދުގެ ދެކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ދެ ދަންފަޅިއަކަށް ބަހާލައިގެން މި ދުވުން ކުރިއަށްގެންގޮސްފައިވާ އިރު، ހެނދުނުގެ ދަންފަޅީގައި ކުރިއަށްދިޔައީ 10 ކިލޯމީޓަރުގެ ދުވުމެވެ. އަދި ހަވީރު ކުރިއަށްގެންގޮސްފައި ވަނީ ފަން ރަން ތިން ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރުގެ ދުވުމެވެ. މި ދުވުން ފުރިހަމަކުރި ކޮންމެ ބައިވެރިއަކަށް ވަނީ މެޑެލި ހަވާލުކޮށްފައެވެ. މި ދުވުމުގައި 1000އަށް ވުރެ ގިނަ ބައިވެރިން ދުވެފައިވާ އިރު، މި ހަރަކާތުގައި 1500އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
މި ދުވުމާ ދިމާކޮށް، މި އަހަރުގެ ކުޑަކުދިންގެ ދުވަހާއި މަންމައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ކޭކެއް ވަނީ ފަޅާފައެވެ. ކޭކު ފެޅުމުގައި މެޑަމް ސާޖިދާ މުޙައްމަދާއި، ދިފާޢީ ވަޒީރުގެ އަނބިކަނބަލުންގެ އިތުރުން، ސިފަމާގެ ޗެއަރޕާސަން، ޚަދީޖާ ޒީނާ ރިފްޢަތު ބައިވެރިވެވަޑައިގެންނެވިއެވެ.
ސިފަމާއިން ހިންގާ މިފަދަ ހަރަކާތްތަކަކީ ސިފައިންގެ ޢާއިލާތަކާއި އާންމު ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަޤުޞަދުގައި ބާއްވާ ހަރަކާތްތަކެކެވެ. އަދި ސިފަމާ "ފަން ރަން 2026" ކާމިޔާބުކަމާ އެކު ނިންމާލުމަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ސިފަމާގެ ފަރާތުން ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
ޢާއިލީ ގުޅުން ބަދަހިކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމަށް ސިފަމާއިން އަންނަނީ މިފަދަ ގިނަ ހަރަކާތްތަކެއް ސިލްސިލާކޮށް ހިންގަމުންނެވެ.
