logo
banner image

ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތަކުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެ

ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ލ.ގަން އަދި ލ.ދަނބިދޫގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެއެވެ.

މި ދުވަހުގެ މުނާސަބަތުގައި މޭ 10ވަނަ ދުވަހުގެ ހަވީރު ލ.ގަމު އިހައްދޫ ސްކޫލާއި، ލ.ދަނބިދޫ ސްކޫލުގައި ކުޑަކުދިންގެ ހަވީރެއްވަނީ ބާއްވާފައެވެ. މި ހަވީރުގައި ކުޑަކުދިންނަށް ބޭނުންވާ ތަފާތު ގިނަ ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތުގެ ތެރެއިން އެމްއެންޑީއެފްގައި ބޭނުންކުރާ ބައެއް ހަތިޔާރާއި ޔުނިފޯމާ އެކު ފޮޓޯ ނެގުމުގެ ފުރުޞަތު ވެސް އެކުދިންނަށް ވަނީ ފަހިކޮށްދީފައެވެ.

ދެ ސްކޫލުގައި ކުރިއަށްދިޔަ މި ހަރަކާތްތަކުގެ މައިގަނޑު މަގްސަދަކީ ކުޑަކުދިންގެ ދުވަހުގެ އުފަލުގައި ސިފައިން ބައިވެރިވެ، ހުރިހާ ކުޑަކުދިން އެއްތަނަކުން ބައްދަލުވެ ކުޑަކުދިންގެ ދުވަސް އުފާވެރި މާހައުލެއްގައި ފާހަގަކުރުމާއި، ސިފައިންނާއި ކުޑަކުދިންނާ އޮންނަ ލޯތްބާއި ގުޅުން ބަދަހިކުރުމެވެ.

މި ހަރަކާތްތައް ކުރިއަށްގެންދިޔަ ސްޓޯލްތަކާއި، ގްރައުންޑް ތައްޔާރުކުރުމާއި، ކުޑަކުދިންގެ ހަވީރުގެ އެންމެހާ ކުޅިވަރުތައް ރާވާ ހިންގުމުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ހަރަކާތްތަކަށް ކުޑަކުދިންގެ ފަރާތުން ބޮޑު ތަރުހީބެއްވަނީ ލިބިގެން ގޮސްފައެވެ.