މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ކަނބަލުންނަށް އަމާޒުކޮށްގެން ހިންގާ އިންޓާންޝިޕް ޕްރޮގްރާމް ފަށައިފި
މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކަނބަލުންނަށް އަމާޒްކޮށްގެން "މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ކަނބަލުންނަށް އަމާޒުކޮށްގެން ހިންގާ އިންޓާންޝިޕް ޕްރޮގްރާމް 2026" ފަށައިފިއެވެ.
މިއީ މި މިނިންޓްރީއާއި ވޯލްޑް ބޭންކުގެ "ޓްރާންސްފޯމް" ޕްރޮޖެކްޓުގެ އެހީގައި ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމެގެ މައިގަނޑު މަގުސަދަކީ މަހުގެ އުފެއްދުންތައް ތައްޔާރުކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު މަތިކޮށް، އެ ފަރާތްތައް ބާރުވެރިކުރުވުމެވެ. އަދި މި ސިނާއަތުގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކުން މަސައްކަތްކުރާ ގޮތުގެ އަމަލީ ތަޖުރިބާ މި ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް ފޯރުކޮށްދޭނެއެވެ.
މި ޕްރޮގްރާމު ކުރިއަށްގެންދަނީ 2 ބަޔަކަށް ބާހަލާގެންނެވެ. އެގޮތުން ޕްރޮގްރާމުގެ ފުރަތަމަ ބައި ކުރިއަށްދާނީ މި މަހުގެ 10 - 14 އަށް މާލޭގައި ކުރިއަށްދާ ތިއަރީ ސެޝަންތަކެއްގެ ގޮތުގައެވެ. ޕްރޮގްރާމުގެ ދެވަނަ ބައި ކުރިއަށްދާނީ މި މަހުގެ 16 - 24 މެއި 2026 އަށް، ލ. މަންދޫގައި ގާއިމްކޮށްފައިވާ "ހޮރައިޒަން ފިޝަރީޒް" ގެ މަސް ބަންދުކުރާ ކާރުހާނާ ގައެވެ. މި ބައިގައި ބައިވެރިންނަށް އެ ކުންފުނީގެ ފަރާތުން މިސިނާއަތުގައި ކުރަމުންދާ މަސައްކަތްތަކުގެ އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މި އަހަރުގެ އިންޓާންޝިޕް ޕްރޮގްރާމުގައި ޖުމްލަ 4 ކަނބަޅުން ބައިވެރިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް އިޤްތިޞާދީ ނަފާ އިތުރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އަދި ވަކިން ހާއްސަކޮށް މި ދާއިރާއަށް އަލަށް މީހުން ނުކުތުމަށް ސަރުކާރުންދަނީ ބާރު އަޅަމުންނެވެ.
