logo
banner image
ޚާރިޖީ ވުޒާރާ

ނޭޕާލް ގެ އާ ޚާރިޖީ ވަޒީރަށް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

ނޭޕާލްގެ ޚާރިޖީ ވަޒީރުގެ މަޤާމަށް އޮނަރަބަލް މރ. ސިޝިރް ކަނާލް ޢައްޔަން ކުރެއްވުމާ ގުޅިގެން، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، އެ މަނިކުފާނަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ޚާރިޖީ ވަޒީރު ފޮނުއްވި މެސެޖް ތިރީގައި އެވަނީއެވެ.

"ނޭޕާލުގައި ބޭއްވި ކާމިޔާބު އިންތިޚާބަކަށްފަހު، ޚާރިޖީ ވަޒީރުގެ މަޤާމަށް މަނިކުފާނު ޢައްޔަންކުރެއްވުމާ ގުޅިގެން މަނިކުފާނަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ.

މަނިކުފާނު މަޤާމާއި ހަވާލުވީ ނޭޕާލްގެ ޑިމޮކްރެސީއަށް ވާސިލުވުމަށް ކުރާ ދަތުރުގެ ވަރަށް މުހިއްމު ވަގުތެއްގައެވެ. މަނިކުފާނުގެ ތަޖުރިބާ އާއި ހިންގުންތެރިކަމުގެ ސަބަބުން ސަރަޚައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ނޭޕާލް އިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނޭކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ.

ދިވެހިރާއްޖެ އާއި ނޭޕާލާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން ބިނާވެފައިވަނީ އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޚްތިރާމާއި ސައުތު އޭޝިއާގެ ސަރަޚައްދީ ޤައުމެއްގެ ގޮތުގައި ދެޤައުމުން ޤަބޫލުކުރާ އެއްގޮތް އަސާސްތަކާއި ބަދަހި އެއްބާރުލުމުގެ މައްޗަށެވެ. ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރި ގާތް ގުޅުން ޙާއްސަކޮށް ރާއްޖޭގައި މަސައްކަތްކުރާ ނޭޕާލް ރައްޔިތުންގެ ފަރާތުން ރާއްޖެއަށް ލިބޭ ހިދުމަތްތައް ރަމްޒުކޮށްދެނީ ދެ ޤައުމުގެ ގުޅުން ބަދަހިވެފައިވާ މައިގަނޑު އެއް ދާއިރާގެ ގޮތުގައެވެ. ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް ދެޤައުމުން އިސްކަންދޭ ކަންތައްތަކުގައި ސަރަޚައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން އެކުގައި މަސައްކަތްކުރުމަށް އަޅުގަނޑު ތައްޔާރަށް ހުރިކަމުގެ ޔަޤީންކަން އަރުވަމެވެ.

ނޭޕާލްގެ ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުން ލިބުމަށް އަޅުގަނޑު އެދެމެވެ. އަދި އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އައުކޮށް އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުޞަތުގެ ބޭނުންކުރީމެވެ."