logo
banner image
ޚާރިޖީ ވުޒާރާ

ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އެރަބް އެމިރޭޓްސް، ޤަތަރު، ބަހްރެއިން، ކުވެއިތު، އޮމާން، އަދި އުރުދުންގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ވަރުގަދަ ހަމަލާތައް ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އެރަބް އެމިރޭޓްސް، ޤަތަރު، ބަހްރެއިން، ކުވެއިތު، އޮމާން، އުރުދުން ގެ އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށާއި މުހިންމު ވަޞީލަތްތަކަށް އަމާޒުކޮށް، އީރާނުން ދެމުންދާ ނުރައްކާތެރި ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ސްވިޒަލޭންޑްގެ ޖެނީވާގައި މިއަދު ކުރިއަށްދިޔަ އ.ދ. ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ 61 ވަނަ ދައުރުގެ 44 ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ، ގަލްފު ސަރަހައްދުގައި އަސްކަރީ ނުތަނަވަސްކަން އިތުރުވަމުންދާތީ އެކަމާ މެދު ދިވެހިރާއްޖެއިން އިންތިހާއަށް ކަންބޮޑުވާކަން ހާމަކުރައްވާފައެވެ.

އެ ސަރަޙައްދުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވަމުންދާ އިންސާނީ އަދި އިޤްތިޞާދީ ނޭދެވޭ އަސަރުތަކާއި މެދު ދިވެހިރާއްޖެއިން އިންތިހާއަށް ކަންބޮޑުވެއެވެ. އަދި އިޒްރޭލާއި އެމެރިކާއިން އިސްވެ އީރާނަށް ދެމުންދާ ޢަސްކަރީ ޙަމަލާތައް ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކުރެއެވެ. އެ ސަރަޙައްދުގެ ސުލްހަޔާއި، ހަމަޖެހުމާއި، އަދި ރައްކާތެރިކަން އަލުން ޤާއިމުކުރުމަށްޓަކައި، ވަގުތުން ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރަމުންދާ ސިޔާސީ އަދި ޚާރިޖީ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ގޮވާލައެވެ.

ކުއްލި ބަހުސްގެ ތެރެއިން ހުށަހެޅި "ހިއުމަން ރައިޓްސް އިމްޕްލިކޭޝަން އޮފް ދަ އިސްލާމިކް ރިޕަބްލިކް އޮފް އިރާންސް އަންޕްރޮވޯކްޑް އެޓޭކްސް އަގައެންސްޓް ބަހްރެއިން، ކުވެއިތު، އޯމާން، ޤަޠަރު، ސަޢޫދީ ޢަރަބިއްޔާ، ޔުނައިޓެޑް ޢަރަބް އެމިރޭޓްސް އެންޑް ޖޯޑަން" ޤަރާރު ދިވެހިރާއްޖެއިން ވަނީ ކޯ-ސްޕޮންސަރ ކޮށްފައެވެ.