logo
banner image

ޖިއޮގްރަފިކް ތަންތަނަށް ނަން ކިއުމާއި ގުޅޭގޮތުން އާއްމުކޮށްފައިވާ އުސޫލު: 4 ވަނަ ބައި

މި ލިއުމުގެ މި ގެނެސްދެނީ، ޖިއޮގްރަފިކް ތަންތަނަށް ނަން ކިއުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން އާއްމުކޮށްފައިވާ އުސޫލާއި ގުޅޭ މައުލޫމާތެވެ.

މި ލިއުމުގައި ގެނެސްދޭނީ މި އުސޫލުގެ މާއްދާތައް ވަކިވަކިންނެވެ. އެގޮތުން މި ލިއުމުގައި މި ހިމަނާލަނީ، އުސޫލުގެ 6 ވަނަ މާއްދާއެވެ.

6. ޖިއޮގްރަފިކް ނަންތަކާބެހޭ ކޮމެޓީ

(ހ) މި އުސޫލުގެ ދަށުން ނަންކިއުމަށް ނުވަތަ ނަމަކަށް ބަދަލުގެނައުމަށް ނިންމާނީ، މި އުސޫލަށް ޢަމަލުކުރަންފެށުމާއެކު، ޖިއޮގްރަފިކް ނަންތަކާއި ބެހޭ ކޮމެޓީގެ ނަމުގައި އަންނަނިވި ފަރާތްތަކާއި ދާއިރާތަކުގެ މައްޗަށް އެކުލެވިގެންވާ ގޮތަށް މިނިސްޓަރު އެކުލަވައިލާ ކޮމެޓީއަކުންނެވެ.

(1) ރައީސުލްޖުމްޙޫރިއްޔާގެ އޮފީހުން ކަނޑައަޅާ ފަރާތެއް.

(2) ބިން ސާވޭ ޗާޓް ހެދުމާއި ގުޅޭ ކަންކަމާއި މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛

(3) ތަރައްޤީގެ ރޭވުންތެރިކަމާއި ގުޅޭ މަސައްކަތްތައް ކުރިއަށްގެންދިއުމުގެ ކަންކަމާއި މަސްއޫލުވާ ވުޒާރާގެ މެންބަރެއް،

(4) ދިވެހިބަހުގެ އެކަޑަމީގެ މެންބަރެއް؛

(5) ފަތުރުވެރިކަމާއި ތިމާވެށީގެ ކަންކަމާއި މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛

(6) ދަނޑުވެރިކަމާއި ދިރޭތަކެތީގެ ކަންކަމާއި މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛

(7) ދިވެހިބަހާއި ސަޤާފަތާއި ތަރިކައިގެ ކަންކަމާއި މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛

(8) ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މެންބަރެއް؛

(9) ދާޙިލީ ސަލާމަތާއި ފަންނިއްޔާތާއި ކަންކަމާއި މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛

(10) ދިފާޢީ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛

(ށ) މި ކޮމެޓީގެ މަސްއޫލިއްޔަތަކީ މި އުސޫލާއި އެއްގޮތްވާގޮތުގެ މަތިން ވަކި ނަމެއް ދިނުމަށް، ބޭނުންވާ ތަންތަނަށް ނަންކިއުމާއި، އަލަށް އުފައްދާ ތަންތަނަށް ނަންކިއުމާއި، ވަކި ނަމެއް ދީފައިނުވާ ތަންތަނަށް ނަންކިއުމާއި، ވަކިތަނަކަށް ދީފައިވާ ނަމެއް ނުވަތަ އާއްމުކޮށް ބޭނުންކުރަމުން އަންނަ ނަމެއް ރަސްމީކޮށް އެތަނަށް ކިއުމަށް ނުވަތަ ބޭނުންކުރަމުން އަންނަ ނަމެއް ބަދަލުކުރަން ހުށަހެޅުމުން އެކަމާމެދު ގޮތެއް ނިންމުމެވެ.

(ނ) ކޮމެޓީގެ ޗެއަރޕާސަން އާއި ވައިސްޗެއަރޕާސަން އައްޔަންކުރާނީ މިނިސްޓަރެވެ.

(ރ) ކޮމެޓީގެ މަސައްކަތުގައި އެހީތެރިވެދިނުމުގެ ގޮތުން، ދިރާސާ ކުރުމަށާއި ފަންނީ ލަފާ ދިނުމަށް އެހެނިހެން ފަރާތްތައް، ކޮމެޓީގެ މަސައްކަތުގައްޔާއި ބައްދަލުވުންތަކުގައި ބައިވެރި ކުރެވިދާނެއެވެ.

(ބ) ކޮމެޓީގެ ސެކްރެޓޭރިއަޓް ބަލަހައްޓާނީ، މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. ކޮމެޓީ ބައްދަލުވުންތަކާއި މަސައްކަތްތައް، ކޮމެޓީން އެހެންގޮތަކަށް ކަނޑަނާޅާހާ ހިނދަކު ހިންގާނީ މިނިސްޓްރީގަ އެވެ.

(ޅ) ކޮމެޓީން ނިންމާ ނިންމުންތައް މިނިސްޓަރަށް ލިއުމުން ހިއްސާކުރަންވާނެ އެވެ.

(ކ) ކޮމެޓީން ނިންމުމެއް ނިންމުމުގައި ޢަމަލުކުރާނެ ގޮތާއި ކޮމެޓީގެ ބައްދަލުވުންތައް ކުރިއަށްގެންދާނެގޮތް ކަނޑައަޅައި، ކޮމެޓީގެ ހިންގާ އުސޫލު ކޮމެޓީން އެކުލަވާލަން ވާނެ އެވެ.