ދައުލަތުގެ އޮފީސްތަކުން ކުރިޔަށްގެންދާ ޕްރޮކިއުމަންޓުތަކުގައި ވަކިވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަންދިނުމުގައި ޢަމަލުކުރާނެ އުސޫލު
1. ތަޢާރުފު
މިއީ، ގަވާއިދު ނަންބަރު 2023/R-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 10.72 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެކުލަވާލެވިފައިވާ، ދައުލަތުގެ އޮފީސްތަކުން ކުރިޔަށްގެންދާ ޕްރޮކިއުމަންޓުތަކުގައި ވަކިވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަންދިނުމުގައި ޢަމަލުކުރާނެ އުސޫލެވެ.
2. މަގުސަދު
މި އުސޫލުގެ މައިގަނޑު މަގުސަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދައުރު ދިވެހިރާއްޖޭގެ އިޤްތިޞާދުގައި ފުޅާކުރުމާއި، އެފަދަ ވިޔަފާރިތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީވުމުގެ ޤާބިލުކަން ފަހިކޮށްދިނުމުގެ ގޮތުން، ދައުލަތުގެ އޮފީސްތަކުން ތަކެއްޗާއި ޚިދުމަތް ހޯދުމުގައްޔާއި، މަސައްކަތް ކުރުވާއިރު، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްކަން ދިނުން.
(ށ) ދައުލަތުގެ އޮފީސްތަކުން، ތަކެއްޗާއި ޚިދުމަތް ހޯދުމުގައްޔާއި މަސައްކަތް ކުރުވާއިރު، ހާމަކަންބޮޑު ހަމަހަމަ އުސޫލެއްގެ ތެރެއިން، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ނިސްބަތްވާ ބީލަންވެރިންގެ ބައިވެރިވުން އިތުރުކުރުން.
(ނ) ދައުލަތުގެ އޮފީސްތަކުން، ތަކެއްޗާއި ޚިދުމަތް ހޯދުމުގައްޔާއި މަސައްކަތް ކުރުވާއިރު، ދިވެހިންނަށް އިސްކަން ދިނުން.
ދައުލަތުގެ އޮފީސްތަކުން ޕްރޮކިއުމަންޓްތަށް ކުރިއަށްގެންދިއުމުގައި ތިރީގައިމިވާގޮތަށް އަމަލުކުރަންވާނެއެވެ.
3. އިސްކަންދޭނެ އުސޫލު
(ހ) ދައުލަތުގެ އޮފީސްތަކުން ކުރިޔަށްގެންދާ 5,000,000 (ފަސްމިލިއަން) ރުފިޔާއަށްވުރެއް ކުދި ޕްރޮކިއުމަންޓްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރޭގައި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ކުންފުންނިތައް ހިމެނޭނަމަ، ޕްރޮކިއުމަންޓް ހަވާލުކުރަން ނިންމަންވާނީ، އިސްވެދެންނެވުނު ގިންތީގެ ކުންފުނިތަކުގެ ތެރެއިން ބީލަމުގެ ޝަރުތުފުރިހަމަވާ، އިވެލުއޭޝަންއިން އެންމެމަތިން މާކްސްލިބޭ ފަރާތަށެވެ. އަދި ޕްރޮކިއުމަންޓް އެވޯޑު ކުރުމުގައި އެ ފަރާތުން ހުށަހަޅާފައިވާ އަގަކީ އެކަށީގެންވާ އަގެއްކަން ކަށަވަރުކަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ އިތުރުން ޢިމާރާތްކުރުމުގެ ދާއިރާގެ ޖެނެރަލް ބިލްޑިންގ (GC01) އާއި ޖެނެރަލް ސިވިލް ކޮންސްޓްރަކްޝަން GC02)) ގެ ޕްރޮކިއުމަންޓްތަކުގައި ތިރީގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.
(1) ދައުލަތުގެ އޮފީސްތަކުން ކުރިޔަށްގެންދާ ޢިމާރާތްކުރުމުގެ ދާއިރާގެ 500,000 (ފަސްލައްކަ) ރުފިޔާއަށްވުރެ ކުދި ޕްރޮކިއުމަންޓްތައް ހުޅުވާލަންވާނީ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި 7 ވަނަ ދަރަޖައިގައިވާ ކޮންޓްރެކްޓަރުންނަށެވެ.
(2) ދައުލަތުގެ އޮފީސްތަކުން ކުރިޔަށްގެންދާ ޢިމާރާތްކުރުމުގެ ދާއިރާގެ 500,000 (ފަސްލައްކަ) ރުފިޔާއާއި 10,000,000 (ދިހަމިލިއަން) ރުފިޔާއާ ދެމެދުގެ ޕްރޮކިއުމަންޓްތައް ހުޅުވާލަންވާނީ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި 4، 5، 6، އަދި 7 ވަނަ ދަރަޖައިގައިވާ ކޮންޓްރެކްޓަރުންނަށެވެ.
(3) ދައުލަތުގެ އޮފީސްތަކުން ކުރިޔަށްގެންދާ ޢިމާރާތްކުރުމުގެ ދާއިރާގެ 10,000,000 (ދިހަމިލިއަން) ރުފިޔާއަށްވުރެ ބޮޑެތި ޕްރޮކިއުމަންޓްތައް ހުޅުވާލަންވާނީ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ހުރިހާ ކޮންޓްރެކްޓަރުންނަށެވެ.
(ނ) މި މާއްދާގެ (ހ) އަދި (ށ) ގައިވާ ހާލަތްތަކުގެ ތެރެއިން 5،000،000 (ފަސްމިލިއަން) ރުފިޔާއަށްވުރެއް ކުދި ބީލަންތަކުގެ ތެރޭގައި އެ ރަށަކަށް ނިސްބަތްވާ ފަރާތެއް ހިމެނޭކަމުގައި ވާނަމަ، އެ ރަށަށް ނިސްބަތްވާ ބީލަންވެރިންގެ ތެރެއިން އެންމެ މަތިން ރޭންކް ކުރެވޭ ފަރާތުން ހުށަހެޅި ބީލަމުގެ އަގާއި، މުޅި ބީލަމުގައި އެންމެ މަތިން ރޭންކް ކުރެވިފައިވާ ފަރާތުން ހުށަހެޅި ބީލަމުގެ އަގުގެ ފަރަގު 10% (ދިހައެއް އިންސައްތަ) އަށްވުރެ ބޮޑުނުވާ ކަމުގައި ވާނަމަ، އެ ރަށަކަށް ނިސްބަތްވާ ފަރާތާ ބީލަން ހަވާލުކުރަން ނިންމަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތަށް ފެތޭ ބީލަމެއް ނެތް ނަމަ، ފާސްވި ބީލަންވެރިންގެ ތެރޭގައި އެ އަތޮޅަކަށް ނިސްބަތްވާ ފަރާތެއް ހިމެނޭތޯ ބަލަންވާނެއެވެ. އެގޮތުން، އެ އަތޮޅަށް ނިސްބަތްވާ ބީލަންވެރިންގެ ތެރެއިން އެންމެ މަތިން ރޭންކް ކުރެވޭ ފަރާތުން ހުށަހެޅި ބީލަމުގެ އަގާއި، މުޅި ބީލަމުގައި އެންމެ މަތިން ރޭންކް ކުރެވިފައިވާ ފަރާތުން ހުށަހެޅި ބީލަމުގެ އަގުގެ ފަރަގު 5% (ފަހެއް އިންސައްތަ) އަށްވުރެ ބޮޑުނުވާ ކަމުގައި ވާނަމަ، އެ އަތޮޅަކަށް ނިސްބަތްވާ ފަރާތާ ބީލަން ހަވާލުކުރަން ނިންމަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހާލަތަށް ފެތޭ ބީލަމެއް ނެތްނަމަ، އެންމެ މަތިން ރޭންކް ކުރެވިފައިވާ ދިވެހި ފަރާތާ ބީލަން ހަވާލުކުރަން ނިންމަންވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ހާލަތަށް ފެތޭ ބީލަމެއް ނެތްނަމަ، އެންމެ މަތިން ރޭންކް ކުރެވިފައިވާ ފަރާތާ ބީލަން ހަވާލުކުރަން ނިންމަންވާނެއެވެ.
މި އުސޫލުގެ ބޭނުމަށް، ވަކި ސަރަޙައްދަކަށް ނިސްބަތްވާ ވިޔަފާރިއެއްގެ ގޮތުގައި ބެލެވޭނެ ގޮތްތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
4. ބީލަންވެރިން ނިސްބަތްވާ ސަރަޙައްދު ކަނޑައަޅާނެ މިންގަނޑު
(ހ) ބީލަންވެރިއަކީ އަމިއްލަ ފަރުދެއްނަމަ، އެ ފަރާތެއްގެ ދާއިމީ އެޑްރެހަށް ބަލައިގެން. ނުވަތަ؛
(ށ) ބީލަންވެރިއަކީ ފަރުދަކަށް ނުވާ ވިޔަފާރިއެއް ނަމަ، އެ ވިޔަފާރިއެއް ރަޖިސްޓަރީކޮށްފައިވާ ރަށަށް ބަލައިގެން.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ވިޔަފާރިއެއް ނިސްބަތްވާ ސަރަޙައްދުގެ ގޮތުގައި ބަލަންވާނީ، އަންނަނިވި ގޮތަށެވެ.
(1) ބީލަންވެރިއަކީ އަމިއްލަ ފަރުދެއް ނަމަ، ބީލަން އިޢުލާނުކުރި އަހަރުގެ ޖަނަވަރީމަހުގެ 1 ވަނަ ދުވަހު އެ ފަރާތް ރަޖިސްޓަރީކޮށްފައިވާ ދާއިމީ އެޑްރެހަށް؛ ނުވަތަ
(2) ބީލަމަށް އިޢުލާނުކުރި އަހަރުގެ ކުރިން ރަޖިސްޓަރީވެފައިވާ ވިޔަފާރިއެއް ނަމަ، ބީލަން އިޢުލާނުކުރި އަހަރުގެ ޖަނަވަރީމަހުގެ 1 ވަނަ ދުވަހު އެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ރަށަށް؛ ނުވަތަ
(3) ބީލަމަށް އިޢުލާނުކުރި އަހަރުގެ ތެރޭގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއެއް ނަމަ، އެ ވިޔަފާރިއެއް އެންމެ ފުރަތަމަ ރަޖިސްޓަރީކޮށްފައިވާ ރަށަށެވެ.
މި އުސޫލުގެ ބޭނުމަށް ބީލަމެއް ނިސްބަތްވާ ސަރަޙައްދު ކަނޑައަޅާނީ، އަންނަނިވި ގޮތަށެވެ.
5. ބީލަމެއް ނިސްބަތްވާ ސަރަޙައްދު ކަނޑައަޅާނެ މިންގަނޑު
(ހ) ވަކި ރަށަކަށް ނިސްބަތްކޮށް ހުޅުވައިލާ ބީލަން އެ ރަށަކަށް ނިސްބަތްވުން.
(ށ) ވަކި ރަށަކަށް މަންފާވާގޮތަށް ހުޅުވައިލާ ބީލަން އެ ރަށަކަށް ނިސްބަތްވުން.
(ނ) އަތޮޅުތެރޭގައި ޤާއިމުވެފައި ހުރި ދައުލަތުގެ އޮފީހަކުން ހުޅުވައިލާ ބީލަންތައް އެ އޮފީސް ޤާއިމުވެފައި ހުރި ރަށަކަށް ނިސްބަތްވުން.
(ރ) އެއް ރަށަކަށްވުރެ ގިނަ ރަށްތަކަށް ނިސްބަތްކޮށް ހުޅުވައިލާ ބީލަންތަކުގައި އެ ބީލަމުގައި ހިމެނޭ އަދި އެ ބީލަމަކުން މަންފާކުރާ ހުރިހާ ރަށަކަށް ނިސްބަތްވުން
މި އުސޫލަށް ޢަމަލުކުރުން އިސްތިސްނާވާ ހާލަތްތައް
6. މި އުސޫލަށް ޢަމަލުކުރުމުގައި، އަންނަނިވި ހާލަތްތައް އިސްތިސްނާވާނެއެވެ.
(ހ) ލޯނާއި ގްރާންޓުގެ ގޮތުގައި ލިބޭ ފައިސާއިން ކުރިޔަށްގެންދަން ނިންމައިފައިވާ ޕްރޮކިއުންޓްތަކުގައި، އެ ލޯނު ނުވަތަ ގްރާންޓް ދޭ ފަރާތުގެ ޕްރޮކިއުމަންޓަށް ޢަމަލުކުރުމަށް ލާޒިމުކުރާ ޕްރޮކިއުމަންޓްތައް.
(ށ) ޤާނޫނު ނަންބަރު 18/2014 ( ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ދެ ވަނަ ބާބުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ހަވާލުކުރާ ޕްރޮކިއުމަންޓުތައް.
(ނ) ފަންނީ އިކުއިޕްމެންޓާއި އެއާ ގުޅޭ ތަކެއްޗާއި، ފަންނީ ޚިދުމަތާއި މަސައްކަތް އަދި ހާއްސަ ލައިސަންސް ފަދަ ތަކެތި އެ ތަކެތި އުފައްދާފައިވާ ފަރާތް ނުވަތަ ސޯލް ނުވަތަ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ މެދުވެރިކޮށް ހޯދުމަށް ކުރިއަށް ގެންދެވޭ ޕްރޮކިއުމަންޓުތައް.
(ރ) ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ކުރިއަށް ގެންދާ ޕްރޮކިއުމަންޓުތައް.
މި އުސޫލަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
7. މި އުސޫލަށް ޢަމަލުކުރަން ފެށުން
މި އުސޫލުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، މި އުސޫލުގައި ބޭނުންކޮށްފައިވާ، އަންނަނިވި ލަފުޒުތަކާއި ޢިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި ޢިބާރާތްތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.
8. މާނަކުރުން
(ހ) "ދައުލަތުގެ އޮފީސްތައް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތަކާއި، ޤާނޫނު އަސާސީއާއި ޤާނޫނުގެ ދަށުން އުފެދޭ އެންމެހައި މުސްތަޤިއްލު ކޮމިޝަންތަކާއި، އޮފީސްތަކާއި، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކަށެވެ.
(ށ) "އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި" ތަކުގެ ގޮތުގައި ބެލެވޭނީ، ޤާނޫނު ނަންބަރު 2013/6 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށެވެ.
(ނ) "އަތޮޅު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ހުރިހާ އިދާރީ ދާއިރާތަކަށެވެ.
(ރ) "ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 2017/4 (ޢިމާރާތްކުރުމުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގެ 8 ވަނަ މާއްދާގެ (މ) ގައި "ރަޖިސްޓަރީ" މާނަކޮށްފައިވާ ގޮތާ އެއްގޮތަށެވެ.
9. އުވައިލެވޭ އުސޫލު
(ހ) މި އުސޫލަށް ޢަމަލު ކުރާން ފެށުމާއެކު، އުސޫލު ނަންބަރު: 2022/G-22 (ދައުލަތުގެ އޮފީސްތަކުން ކުރިޔަށްގެންދާ ބީލަންތަކުގައި ވަކިވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަންދިނުމުގައި ޢަމަލުކުރާނެ އުސޫލު) އުވުނީއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި އުސޫލަށް ޢަމަލުކުރާން ފެށުމާ ހަމަޔަށް ޢާއްމުކޮށް އިޢުލާންކޮށްފައިވާ ޕްރޮކިއުމަންޓްތައް އެވޯޑްކުރުމުގައި ޢަމަލު ކުރެވޭނީ،، އުސޫލު ނަންބަރު: 2022/G-22 (ދައުލަތުގެ އޮފީސްތަކުން ކުރިޔަށްގެންދާ ބީލަންތަކުގައި ވަކިވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަންދިނުމުގައި ޢަމަލުކުރާނެ އުސޫލު) އަށެވެ.
_____
