ފީލްޑް އެޕިޑިމިއޮލޮޖީ ޓްރެއިނިންގ ޕްރޮގްރާމްގެ (އެފް.އީ.ޓީ.ޕީ) ފުރަތަމަ ބެޗްގެ ތަމްރީން ފުރިހަމަ ކުރުން
ފީލްޑް އެޕިޑިމިއޮލޮޖީ ޓްރެއިނިންގ ޕްރޮގްރާމް (އެފް.އީ.ޓީ.ޕީ) ފްރަންޓްލައިން (ބޭސިކް( ލެވެލްގެ ފަހު މަސައްކަތު ބައްދަލުވުން ފެބްރުއަރީ 10 އިން 12 އަށް މާލޭގައި ވަނީ ބާއްވާފައެވެ. 3 މަސައްކަތު ބައްދަލުވުން އަދި ފީލްޑް މަސައްކަތްތަކާއި އެކު މި ހިންގުނު 4 މަސް ދުވަހުގެ ޕްރޮގްރާމްގައި ވަނީ ރާއްޖޭގެ 16 އަތޮޅަކުން ޞިއްޙީ ދާއިރާގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގެންފައެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބައްދަލުވުން 2025 އޮކްޓޫބަރުގައި ފެށިއިރު، ދެވަނަ ބައްދަލުވުން ބާއްވާފައިވަނީ 2025 ޑިސެމްބަރުގައެވެ.
މިޕްރޮގްރާމަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އާއި ޕެންޑަމިކް ފަންޑްގެ އެހީގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމެކެވެ. މި ތަމްރީންގެ މަޤްސަދަކީ ފީލްޑް އެޕިޑިމިއޮލޮޖީގެ ދާއިރާއިން އަމަލީ ތަމްރީނުތައް ފޯރުކޮށްދީ، އާންމު ޞިއްޙަތުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އާއްމު ސިއްޙަތާއި ގުޅުންހުރި ކުއްލި ހާލަތްތަކުގައި އިޖާބަ ދިނުމުގެ ގާބިލުކަން ހަރުދަނާ ކުރުމެވެ.
ފީލްޑް އެޕިޑިމިއޮލޮޖީ ޓްރެއިނިންގ ޕްރޮގްރާމްގެ މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ބަލިމަޑުކަމެއް އުޅޭ ހާލަތެއްގައި އެ ކަން އަވަހަށް ދެނެގަނެ، ބަލިތައް އުޅޭ ގޮތް މޮނިޓަރކޮށް ބެލެހެއްޓުމާއޮ މީގެ ސަބަބުން އާންމު ޞިއްޙަތަށް ކުރިމަތިވާ ނުރައްކާތައް ދެނެގަނެ، އެކަންކަމަށް އެކަށީގެންވާ ފިޔަވަޅު އެޅުމުގެ ހުނަރުތައް ހަރުދަނާ ކުރުމެވެ.
މިފަދަ ރޭވުންތެރި ތަމްރީނުތަކެއްގެ ސަބަބުން، ގައުމީ ފެންވަރުގައި ތައްޔާރީ ހާލަތު ވަރުގަދަވެ، ރާއްޖޭގެ އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ނިޒާމުތަކާއި ބަލިތަކަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ.
