logo
banner image
ޚާރިޖީ ވުޒާރާ

ހުޅަނގުގެ އައްސޭރިން ހިފާފައިވާ ބިންތައް އިސްރާއިލީ ދައުލަތުގެ މިލްކިއްޔާތަކަށް ހެދުމަށް އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ނިންމި ނިންމުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ނެރޭ ބަޔާން

ހުޅަނގު އައްސޭރީގެ އިސްތިއުމާރުކޮށްފައިވާ ބިންތަކަކީ އިސްރާއީލުގެ މިލްކިއްޔާތެއް ކަމުގައި ކަނޑައެޅުމަށް އެ ޤައުމުގެ އިސްތިއުމާރީ ބާރުތަކުން ނިންމި ނިންމުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މި ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މުޅިން ޚިލާފު، އަދި ފަލަސްޠީނުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތަކަށް އަރައިގަތުމަށް އިސްރާއީލުން ހިންގާ ޣައިރު ޤާނޫނީ ވަޒަންވެރިވުމުގެ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެއްކަމުގައި ދިވެހި ސަރުކާރުން ދެކެމެވެ.

މިފަދަ ނިންމުންތަކަކީ ބައިނަލްއަޤްވާމީ ޤާނޫންތަކާ ޚިލާފު ކަމަކަށްވުމާއެކު، މިއީ ޢަދުލުވެރިކަމާއި ދެމެހެއްޓެނިވި ޞުލްޙަ ޤާއިމުކުރުމުގެ ފުރުޞަތުތަކަށް އެޅޭ ހުރަހެކެވެ. އަދި، އިސްރާއީލުން ހިންގަމުންދާ މިފަދަ ޣައިރު ޤާނޫނީ ޢަމަލުތައް ވަގުތުން ހުއްޓުވައި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދ. ގެ ޤަރާރުތައް ތަންފީޒުކޮށް، އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ގޮވާލަމެވެ.

ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ފަލަސްޠީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް ދިވެހި ސަރުކާރުން ކުރާ ތާޢީދު އައުކުރަމެވެ.