ބްލޫމްބާރގް އިނިޝިއޭޓިވް ގެ ގްރާންޓަސް ޕްރޮގްރާމުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު
ބްލޫމްބަރގް އިނިޝިއޭޓިވް ޓު ރެޑިއުސް ޓޮބޭކޯ ޔޫސް" އަކީ ދުނިޔޭގެ ފެންވަރުގައި ހިލޭ އެހީ ދިނުމުގެ ތަފާތު ޙަރަކާތްތަކަށް އެހީދެއްވާ ފަރާތެއް ކަމުގައިވާ މައިކަލް އާރ. ބްލޫމްބާރގެ ގެ އެހީގައި، ފަޤީރު އަދި މެދުފަންތީގެ ޤައުމުތަކުގައި ދުންފަތުގެ އިސްތިޢުމާލުކުން މަދުކުރުމަށް ޑިސެންބަރ 2006 އިން ފެށިގެން ހިންގާ މަޝްރޫޢެކެވެ.
މި މަޝްރޫޢު އިންތިޒާމްކޮށް ހިންގަނީ ހިލޭސާބަހަށް މަސައްކަތް ކުރަމުންދާ ޖަމްޢިއްޔާއެއް ކަމަށްވާ "އިންޓަނޭޝަނަލް ޔުނިއަން އެގެއިންސްޓް ޓިއުބަރކުލޮސިސް އެންޑް ލަންގް ޑިސީޒް" (ދަ ޔޫނިއަން) އާއި "ކެމްޕެއިން ފޮރ ޓޮބޭކޯ-ފްރީ ކިޑްސް" އާ ގުޅިގެންނެވެ. މި މަޝްރޫޢޫގެ ދަށުން ކުރިއަށް ގެންދާ ގްރާންޓްސް ޕްރޮގްރާމްގެ 39 ވަނަ ބުރުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރުވަނީ ޢާއްމުކޮށް ހުޅުވާލާފައެވެ.
އެހީއަށް އެދި ހުށަހަޅަން ޖެހެނީ ސީދާ އެ ޕްރޮގްރާމަށް އެ ޕްރޮގްރާމްގެ ވެބްސައިޓް http://www.tobaccocontrolgrants.org/apply-for-a-grant. މެދުވެރިކޮށް އޮންލައިން ކޮށެވެ.
މި ޕްރޮގްރާމްގެ ދަށުން އެހީ ދިނުމަށް ހަމަޖެހިފައިވަނީ، އެ ޙަރަކާތެއްގެ ސަބަބުން ފާހަގަ ކޮށްލެވޭފަދަ ބަދަލުތަކާއި ކުރިއެރުންތައް ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތަކަށް ގެނައުމަށް އަމާޒު ކުރެވިފައިވާ ހުށަހެޅުން ތަކަށެވެ. އަދި މިފަދަ ހުށަހެޅުންތަކުގެ ތެރެއިން އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކުރެވިފައިވާ ހުށަހެޅުންތަކަށް އިސްކަން ދެވޭނެއެވެ.
• ދުންފަތުގެ ވަގު ވިޔަފާރި ހުއްޓުވުމާއި، ދުންފަތުގެ ބާވަތްތަކުގެ އަގާއި އަދި ޓެކްސް ނެގުމަށް އެޅޭ ފިޔަވަޅުތައް.
• ދުންފަތުގެ ބާވަތްތައް ޕްރޮމޯޓްކޮށް އިޝްތިހާރުކުރުންމަނާކުރުމަށް އެޅިފައިވާ ފިޔަވަޅުތަކާއި އަދި އެފަދަ ފިޔަވަޅުތައް ތަންފީޒުކުރުން.
• މަސައްކަތުގެ މާޙާއުލުގަޔާއި ޢާންމު ތަންތަނުގެއި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ހެދިފައިވާ ޤަވާޢިދުތަކާއި އެފަދަ ޤަވާޢިދުތައް ތަންފީޒުކުރުން.
• ދުންފަތުގެ ބާވަތްތަކުގެ ޕެކެޓްތަކުގެ ބޭރުގައި ފޮޓޯޖަހައިގެން ދެވޭ ޞިއްޙަތުގެ އިންޒާރު ޖެހުން ތަޢާރަފްކުރުން.
• ސާބިތުހިފޭ ފަންނީ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކުރެވިފައިވާ އެހެނިހެން ހުށަހެޚުންތައް.
• އަދި މިނޫންވެސް، ދުންފަތް ކޮންޓްރޯލް ކުރުން އެ ހުށަހެޅުމެއްގެ މައިގަނޑުކަމުގައި ހިމެނޭގޮތަށް، އެކިފަރާތްތައް ގުޅިގެން ހިންގުމަށް ރާވާ ކަންކަމާއި، ދުންފަތުގެ ސިނާޢަތުގެ ޙަރަކާތްތަކަށް ފާރަވެރިވެ ބެލުމަށާއި މިފަދަ އެހެނިހެން ކަންކަމަށް އަމާޒު ކުރެވިފައިވާ ހުށަހެޅުންތައް.
ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ސުންގަޑިއަކީ 25 ފެބުރުއަރީ 2026 އެވެ.
