logo
banner image
ޞިއްޙީ ވުޒާރާ

ޞިއްޙީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަޙްޞިއްޔަތުގެ ތެރޭގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ

ޞިއްޙީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަޙްޞިއްޔަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގެންފިއެވެ.

ޓައިމް މަޖައްލާއިން ހޮވި، 2026 ވަނަ އަހަރު ޞިއްޙީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަޙްޞިއްޔަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގެންފައިވަނީ، ޢާންމު ސިއްޙަތު ކުރިއެރުވުމަށާއި، ބަލިތަކުން ރައްކާތެރި ވެއްޓެއް ޤާއިމުކުރެއްވުމަށް، އެމަނިކުފާނު ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާއި، އެމަނިކުފާނު ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށް ކަމަށް އެނޫހުން ފާހަގަކޮށްފައިވެއެވެ.

އެގޮތުން، އެ މަޖައްލާ އިން ވަނީ، ބަލިތަކުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާފައިވާ މި ސަރުކާރުގެ ޞިއްޙަތާބެހޭ ސިޔާސަތުތަކާއި، އެމަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް އަޅުއްވާފައިވާ ފިޔަވަޅުތައް ފާހަގަކޮށްފައެވެ. މީގެ ތެރޭގައި، ޖެނުއަރީ 2007 ގެ ފަހުން އުފަންވާ އެއްވެސް މީހަކަށް ދުންފަތުގެ އުފެއްދުންތައް ވިއްކުމާއި ގަތުން މަނާކޮށް ތަންފީޒުކުރައްވާފައިވާ ޖެނެރޭޝަނަލް ބޭން އާއި، ވޭޕް އާއި އީ ސިގިރޭޓު އެތެރެކޮށް، ވިއްކައި، ބޭނުންކުރުން މަނާކުރުން ހިމެނެއެވެ.

މަޖައްލާއަށް ދެއްވި ބަސްދީގަތުމުގައި އެމަނިކުފާނު ވަނީ، މީގެ ކުރިން ރާއްޖޭގެ ސިއްޙީ ސިޔާސަތުތައް ބިނާކޮށްފައި ހުރީ، ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، ބަލިޖެހުމުން ފަރުވާ ދިނުމުގެ މައްޗަށްކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މި ސަރުކާރުން މަސައްކަތްކުރަނީ، ބަލިތަކުން ރައްކާތެރިވުމަށާއި ފަރުވާ ދިނުމަށް ހަމަހަމަ ސަމާލުކަމެއް ދެއްވުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާއިން އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ މަތީން ރާއްޖޭގެ ކޮންމެ ރަށެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކްތައް ވަނީ ޤާއިމުކޮށްފައެވެ. މީގެ އިތުރުން، 2026 ވަނަ އަހަރުން ފެށިގެން 24 ގަޑިއިރު ޚިދުމަތްދޭ ނަފްސާނީ ސިއްޙަތުގެ ހެލްޕްލައިނެއްވެސް ވަނީ ތައާރަފުކޮށްފައެވެ. އަދި، މައިމީހާގެ ފަރާތުން ބަނޑުގައި އޮންނަ ދަރިފުޅަށް، އެޗް.އައި.ވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ބަލި އެރުން ނައްތާލި ފުރަތަމަ ޤައުމުގެ ޝަރަފުވެސް ރާއްޖެއިން ވަނީ މިދިޔަ އަހަރު ހޯދާފައެވެ.