މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން މެލޭޝިޔާގައި ދިރިއުޅޭ ދިވެހީންނަށް މާހެފުމެއް ބާއްވައިފި
މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ފަރާތުން އިންތިޒާމްކޮށްގެން އެގައުމުގައި ދިރިއުޅޭ ދިވެހިންނަށް މާހެފުމެއް ބާއްވައިފިއެވެ.
މި ހަފްލާ އޮތީ 7 ފެބްރުއަރީ 2026 ވީ ހޮނިހިރުދުވަހު ހަވީރު ހައިކޮމިޝަނުގައެވެ.
މި ހަފްލާގައި ރައީސް އޮފީހުގެ މިނިސްޓަރ އަބްދުﷲ ނާސިރުގެ ދެކަނބަލުން ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން މެލޭޝިޔާގައި ދިރިއުޅޭ ދިވެހި އާއިލާތަކާއި ދިވެހި ކިޔަވާކުދިން ގިނަ އަދަދަކަށް މި ހަފްލާގައި ބައިވެރިވެފައިވެއެވެ.

ހައިކޮމިޝަނަރ. ޑރ. މަރިޔަމް ޝަބީނާ އަހުމަދު މިހަފްލާއަށް ވަޑައިގެންނެވި ބޭފުޅުންނާ މުޚާތަބްކުރައްވައި ފާހަގަ ކުރެއްވި ގޮތުގައި، ބަރަކާތްތެރި ރަމަޟާން މަހާ ކުރިމަތިލާއިރު، މިފަދަ ގޮތަކަށް އެންމެން އެއްތަންވެލުމަކީ ދިވެހިންގެ ރީތި އާދައެއްކަމާއި ބޭރު ޤައުމެއްގަ ދިރިއުޅޭއިރު އެކަކު އަނެކަކަށް އެހީތެރިވެ، އެކުވެރިކަން އާލާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ބަރަކާތްތެރި ރަމަޟާން މަހަކީ އަޅުކަމާއި، ކެތްތެރިކަމާއި، އޯގާތެރިކަމުގެ މަސް ކަމަށްވުމާއެކު، އެމަހަށް ތައްޔާރުވާއިރު، ހިތްތައް ސާފުކޮށް، އެކަކު އަނެކަކަށް މަޢާފްކޮށް، އެކުވެރިކަމުގެ އާ ރޫޙެއްގައި ކުރިއަށް ދިއުމަށް ހައިކޮމިޝަނަރ އިލްތިމާސް ކުރެއްވިއެވެ.

ހައިކޮމިޝަނުން އިންތިޒާމްކުރި މިހަފްލާގައި، ދިވެހިން އާންމުކޮށް މާހެފުމުގައި ބެނުންކުރާ ދިވެހި ކެއުމުގެ ބާވަތްތައް ހިމެނިފައިވެއެވެ. އަދި ދުވަހާގުޅޭ ގޮތުން ތައްޔާރުކުރެވިފައިވާ ކޭކެއް ފެޅުން އޮތެވެ.
