އެކި ކުލައިގެ މޭވާ އާއި ތަރުކާރީ ގެ މުހިންމު ކަން
މޭވާ އާއި ތަރުކާރީގެ ތަފާތު 5 ކުލައެއް އެކުލެވިގެން ވެއެވެ.
އޭގެ ކޮންމެ ކުލައަކަށް ޚާއްސަ މާއްދާތަކެއް އެކުލެވިގެން ވާއިރު، މީގެ ސަބަބުން މި ތަކެތި ކެމުގައި ބޭނުން ކުރުމުން، ވިޓަމިންސް، މިނަރަލްސް ގެ އިތުރުން ގިނަ މާއްދާތަކެއް ލިބޭކަން ކަށަވަރު ކޮށްދެއެވެ.
މޭވާ އާއި ތަރުކާރީގެ ތަފާތު 5 ކުލަ
- ނޫ އަދި ދަނބުކުލަ
- ރަތްކުލަ
- ރީންދޫ އަދި އޮރެންޖު ކުލަ
- ފެހި ކުލަ
- ހުދު އަދި މުށި ކުލަ
އެކި ކުލައިން ލިއްބައިދެނީ ކޮންކަހަލަ ފައިދާ ތަކެއް؟
ކޮންމެ ކުލައެއްގެ މޭވާ އާއި ތަރުކާރީގައި ވެސް ފައިޓޯ ކެމިކަލްސް ނަމަކަށް ކިޔާ ބަލިތަކުން ރައްކާތެރި ކޮށްދޭ މާއްދާ ތަކެއް ހުރެއެވެ.
މި ފައިޓޯ ކެމިކަލް ތަކަކީ މޭވާ، ތަރުކާރީގެ ފުރިހަމަ ރީތި ކުލަތައް ލިއްބައި ދިނުމުގެ އިތުރުން، އަހަރެމެންގެ ސިއްހަތަށް ގިނަގުނަ ފައިދާތަކެއް ކުރުވާ މާއްދާތަކެވެ.
ނޫ އަދި ދަނބުކުލަ:
- އެންތޮ ސައިނިން އަކީ ބައެއް މޭވާ އާއި ތަރުކާރީގެ ތަފާތު ނޫ ކުލައާއި ދަނބު ކުލަތައް އުފައްދައިދޭ މާއްދާ އެއް.
- މި މާއްދާ ގެ ސަބަބުން، ސެލްތަކަށް ލިބޭ ގެއްލުންތަކުން ރައްކާތެރި ކޮށްދީ، ކެންސަރާއި ސްޓޯކް އަދި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ.
ރަތް ކުލަ:
- ރަތް މޭވާ އާއި ތަރުކާރީގެ ކުލަ ލިބެނީ ލައިކޯޕީން ނަމަކަށް ކިޔާ ގުދުރަތީ މާއްދާ އަކުން.
- ލައިކޯޕީން އަކީ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދީ ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވެދޭ ވަރުގަދަ އެންޓި އޮކްސިޑެންޓެއް
ރީނދޫ އަދި އޮރެންޖު ކުލަ:
- ރީނދޫ އަދި އޮރެންޖު ކުލައިގެ މޭވާ އާއި ތަރުކާރީ ގެ ކުލަ ލިބެނީ ކެރޮޓިނޮއިޑްސް ކިޔާ މާއްދާ އަކުން.
- މި މާއްދާ އަކީ ލޮލުގެ ފެނުން ރަނގަޅު ކޮށްދޭ މާއްދާއެއް
ފެހި ކުލަ:
- ފެހި ކުލައިގެ މޭވާ އާއި ތަރުކާރީގައި ވިޓަމިން ސީ، ވިޓަމިން އޭ، ކެރޮޓިނޮއިޑްސް ފޮލޭޓް އަދި އިންޑޯލްސް ފަދަ ގިނަ ބާވަތްތަކެއްގެ ފައިޓޯ ކެމިކަލްސް އެކުލެވިގެން ވެއެވެ.
- މި މާއްދާތަކުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް، ހަށިގަނޑުގެ އިންފްލެމޭޝަން ދަށްކޮށްދީ ކެންސަރުން ދިފާއުވުމަށް އެހީތެރިވެދެއެވެ.
ހުދު ކުލަ އަދި މުށި ކުލަ:
- ލޮނުމެދު ފަދަ ހުދު ކުލައިގެ ތަރުކާރީގައި ވައިރަސް އަދި ބެކްޓީރިއާ ފަދަ ޖަރާސީމުން ހަށިގަނޑު ދިފާއު ކުރުމަށް އެހީތެރިވާ މާއްދާތައް އެކުލެވިގެން ވޭ.
- ދޮންކެޔޮ، އަލުވި ފަދަ ހުދު ކުލައިގެ މޭވާ އަދި ތަރުކާރީ އަކީ އޭގައި ޕޮޓޭސިއަމް ގިނަ މިންވަރަކަސް އެކުލެވޭ. ޕޮޓޭސިއަމް އަކީ ލޭގެ ޕްރެޝަރު ދަށްކުރުމަށް ވަރަށް މުހިންމު މާއްދާ އެއް.
އެކި ކުލައިގެ މޭވާ އާއި ތަރުކާރީ
ނޫ އަދި ދަނބުކުލަ: ބަށި، މޭބިސްކަދުރު، ރަތް ކެބެޖު، ރަންގު ކައްޓަލަ، ބީޓް ރޫޓް.
ރަތް ކުލަ: ކަރާ، ޓޮމާޓޯ، ރަތް އާފަލު، ރަތް ބެލްޕެޕާ، ރަތް ޖަނބުރޯލް، އަންނާރު، ޑްރަގަން ފުރުޓް
ރީނދޫ އަދި އޮރެންޖު ކުލަ: ދޮން އަނބު، ފަޅޯ، ކެރޮޓް، އޮރެންޖު، އަލަނާސި، ބަރަބޯ، ޒުވާރި، ޖުމްހޫރީ މޭވާ.
ފެހި ކުލަ: މުރަނގަ ފަތް، ކަންކުން ފަތް، ކޫޅަށްފިލާ ފަތް، ބާމިއާ ތޮޅި، ފެހި އާފަލް، ފެހި ބެލްޕެޕާ، ތޮރާ، ލުނބޯ، ފެހި މިރުސް.
ހުދު ކުލަ އަދި މުށި ކުލަ: ސަބުދެލި، ދޮންކެޔޮ، ކެބެޖު، އަލުވި، ބަނބުކެޔޮ، ދަނޑި އަލުވި، ލޮނުމެދު
