ހުޅުމާލެ ފޭސް 2 ގައި 500 އެނދުގެ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް ޤާއިމުކުރަނީ
ހުޅުމާލެ ފޭސް 2 ގައި 500 އެނދުގެ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މި އަހަރު، މާލެ ސަރަހައްދުގައި ޞިއްޙީ ދާއިރާއިން ބޮޑެތި މަޝްރުއުތަކެއް ފެށިގެންދާނެ ކަމަށެވެ. އޭގެތެރޭގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ވިލިމާލޭގައި ޤާއިމުކުރާ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތާއި ހުޅުމާލެ ފޭސް 2 ގައި 500 އެނދުގެ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ބޭނުންވާ ރޭޑިއޭޝަން ޗެމްބަރ ޤާއިމުކުރުން ހިމެނޭހެން، ކެންސަރު ބަލީގެ ޚިދުމަތަށް ޚާއްޞަ ޑައިގްނޯސްޓިކް ސެންޓަރެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތްވެސް މި އަހަރު މެދުތެރޭގައި ފަށާއިރު، ހުޅުމާލެ ހޮސްޕިޓަލްގެ އެކްސްޓެންޝަންގެ ގޮތުގައި، 250 އެނދުގެ މަލްޓި-ސްޕެޝަލްޓީ ޓަރޝަރީ ހޮސްޕިޓަލެއް ބިނާކުރުމުގެ މަސައްކަތްވެސް މި އަހަރު މެދުތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ހުޅުމާލެ ހޮސްޕިޓަލްގައި އިތުރު އެމް.އާރު.އައި. މެޝިނަކާއި، ޔޫރޯޑައިނަމިކް ޚިދުމަތާއެކު، ޔޫރޮލޮޖީގެ ޚިދުމަތް ފެށުމާއި، އެންޑޯސްކޯޕީ ސުއީޓަކާއެކު، ގޭސްޓްރޯއެންޓްރޮލޮޖީގެ ޚިދުމަތް ފެށުން އަދި އޯ.ޕީ.ޑީ. އަދި އީ.އީ.ޖީ. ޚިދުމަތް ހިމެނޭހެން، ނިއުރޮލޮޖީގެ ޚިދުމަތް ފެށުމާއި، ސީ.އެކްސް.އެލް. ސަރޖަރީ ތަޢާރުފްކޮށް، އޮފްތަލްމޮލޮޖީގެ ޚިދުމަތް ފުޅާކުރުމާއި، ޑެންޓަލް ލެބޯރެޓެރީއެއް ޤާއިމުކުރުން، މި އަހަރު ތެރޭގައި ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގައި ވަކިން ކެތުލެބެއް ޤާއިމުކޮށް، ނެޝަނަލް ކާޑިއެކް ސެންޓަރު އިތުރަށް ތަރައްޤީކޮށް، ކާޑިއޯތޮރެސިކް އެންޑް ވެސްކިޔުލަރ ސަރޖަރީ، އިންޓަރވެންޝަނަލް ރޭޑިއޮލޮޖީ، ގެސްޓްރޯ އީ.އާރު.ސީ.ޕީ. އަދި ރޮބޮޓިކް ސަރޖަރީގެ ޚިދުމަތް، ދަރުމަވަންތަ ހޮސްޕިޓަލާއި، އައި.ޖީ.އެމް.އެޗް.ގައި މި އަހަރު، ފަށާނޭ ކަމަށެވެ.
މީގެއިތުރުން، ދަރުމަވަންތަ ހޮސްޕިޓަލްގައި "ނޭޝަނަލް ސެންޓަރ ފޮރ ނިއުރޯ ސައިންސް އެންޑް ސްޓްރޯކް" ކުރިއަށް އޮތް ހަފްތާ ތެރޭގައި ހުޅުވިގެންދާނެ ކަމަށާއި މި ސެންޓަރު ހުޅުވުމާއެކު، ރާއްޖޭގައި ނާރުގެ ބަލިތަކަށް ދެވޭ ފަރުވާ، އާ ހަރުފަތަކަށް އުފުލިގެންދާނެކަމަށެވެ. އަދި މި ސެންޓަރުގެ ސަބަބުން މުސްތަޤްބަލުގައި ރޮބޮޓިކް ޓެކްނޮލޮޖީ ފަދަ ޒަމާނީ ވަސީލަތްތަކާއެކު، ސިކުނޑިއާއި މައިބަދައިގެ އޮޕަރޭޝަންތައް ކުރެވި، މުޅި ރާއްޖެ ގުޅުވައިލެވޭ ވިއުގައެއް މެދުވެރިކޮށް، ސްޓްރޯކްގެ ބަލިމީހުންނަށް ހަލުއިކަމާއެކު ފަރުވާ ލިބޭނެ ނިޒާމެއް ޤާއިމުވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
