logo
banner image
ޞިއްޙީ ވުޒާރާ

ސްޓޭޓް ފާރމާއިން ގެންނަ ބޭސްތައް އެޕްރީލް މަސްތެރޭގައި ލިބޭނެ

ބޭސް ފޯރުކޮށްދިނުމުގެ ނިޒާމުގައި ހުރި ދަތިތަކަށް ދާއިމީ އަދި ދެމެހެއްޓެނިވި ޙައްލެއް މި އަހަރު ތެރޭގައި ކަށަވަރުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ކަށަވަރުކުރުމަށް ސަރުކާރުން އުފެއްދި އާ ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާރމާ) އިން މިހާރު ވަނީ ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބޭސްތަކުގެ ތެރެއިން މިވަގުތަށް ލިބެން ނެތް ކްރިޓިކަލް ބޭސްތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި މި އަހަރުގެ އެޕްރީލް މަސް ނިމުމުގެ ކުރިން ބޭސްތައް ލިބޭނެ ކަމަށެވެ.

އަދި ޒިންމާދާރުކަމާއެކު، ބޭސްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ސްޓޭޓް ފާރމާއިން މިހާރު ވަނީ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ބައިވެރިންނާއެކީގައި މަސައްކަތް ފަށާފައި ކަމަށާއި މިކަމުގެ ސަބަބުން ރައްޔިތުންގެ ޞިއްޙަތާއި ދުޅަހެޔޮކަން ރައްކާތެރިކުރުމުގެ ގޮތުން، ބޭސް ފޯރުކޮށްދިނުމުގެ ނިޒާމުގައި ހުރި ދަތިތަކަށް ދާއިމީ އަދި ދެމެހެއްޓެނިވި ޙައްލެ ލިބިގެންދާނެ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.