logo
banner image
ޞިއްޙީ ވުޒާރާ

ތެރަޕީތަކަށް ޚާއްސަ ސެންޓަރެއް ޤާއިމުކުރަނީ

ހުޅުމާލޭގައި "ނޭޝަނަލް ޑިސްއެބިލިޓީ ސަރވިސަސް އެންޑް ތެރަޕީ ސެންޓަރު"ގެ ނަމުގައި، ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތް ލިބޭ، ސްޓޭޓް އޮފް ދި އާރޓް ތެރަޕީ ސެންޓަރެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފަށާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި އެންމެ ގިނަ މީހުން ފަރުވާ ބޭނުންވެ، އެކަށީގެންވާ ފަރުވާ ދިނުމުގައި އިންސާނީ ވަސީލަތް ނެތް އެއް ދާއިރާގެ ގޮތުގައި، އެކިކަހަލަ ތެރަޕީތައް ހިމެނޭ ކަމަށެވެ. އެހެންކަމުން މި ކަމަށް ޙައްލު ހޯދުމުގެ ގޮތުން، ސްޕީޗް ތެރަޕިސްޓުންނާއި، އޮކިޔުޕޭޝަނަލް ތެރަޕިސްޓުންނާއި، ބިހޭވިޔަރަލް ތެރަޕިސްޓުންނާއި އަދި ފިޒިއޮތެރަޕިސްޓުންނާއި، ސައިކޯތެރަޕިސްޓުން ހިމެނޭހެން، ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރުން 50 ތެރަޕިސްޓުން ގެނައުމަށް ނިންމައިފައިވާ ކަމަށެވެ. އަދި ހުޅުމާލޭގައި "ނޭޝަނަލް ޑިސްއެބިލިޓީ ސަރވިސަސް އެންޑް ތެރަޕީ ސެންޓަރު"ގެ ނަމުގައި، ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތް ލިބޭ، ސްޓޭޓް އޮފް ދި އާރޓް ތެރަޕީ ސެންޓަރެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ފަށާނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން މި ދާއިރާއިން 250 ދިވެހީން އުފެއްދުމަށްޓަކައި، ރާއްޖޭގައި ޑިގްރީ ފެންވަރަށް ތަޢުލީމާއި ތަމްރީނު ދިނުމުގެ ކޯސްތަކެއް ހިންގުމަށާއި، ދަސްވެނިވާ ފަރާތްތަކާއެކު ހެދޭ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން ވަޒީފާއަށް ނެރުމަށްޓަކައި، ދިވެހި ތެރަޕިސްޓުން އުފެއްދުމުގެ ޤައުމީ މަޝްރޫޢެއް، މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.