ކެންސަރުން ރައްކާތެރިވުމަށް، ތާޒާ މޭވާ، އާއި ތަރުކާރީ އެހީވެދޭ
ކެންސަރުބަލީން ދުރާލާ ރައްކާތެރިވުމަށް، ތާޒާ، މޭވާ އާއި ތަރުކާރީ ބޭނުންކުރުމަކީ މުހިންމު ކަމެއްކަމަށް، ސިއްޙީ މާހިރުން ލަފާދެއްވައެވެ.
ރާއްޖޭގައި ނިސްބަތުން ކެންސަރު ބަލި އިތުރުވާ މިންވަރު އިތުރުވަމުން އަންނަ އިރު، މި ބަލީގެ 3/1 ބާވަތުގެ ކެންސަރަކީ ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފި ނަމަ ސަލާމަތް ވެވޭނެ އެއްޗެއްކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އެގޮތުން ކުރެވިދާނެ އެންމެ މުހިންމު ކަމަކީ ބޭނުންކުރާ މޭވާ އަދި ތަރުކާރީއަކީ ރައްކާތެރި ތާޒާ ތަކެއްޗަށް ހެދުމެވެ.
ތާޒާ، މޭވާ އަދި ތަރުކާރީއޭ މި ބުނެވެނީ، ކެމިކަލް ބޭނުން ނުކޮށް ހައްދާފައި ހުންނަ ބާވަތްތަކެވެ.
ރާއްޖޭގެ ދަނޑުވެރިކަން ކުރިއަރަމުން ޒަމާނީ ވަމުން އަންނަ އިރު، ކެމިކަލް އެކުލެވޭ ޕެސްޓިސައިޑްސް ތަކުގެ ބަދަލުގައި ބަޔޯޕެސްޓިސައިޑްސް ބޭނުންކުރާ މިންވަރު އިތުރުކުރަން ޖެހެއެވެ. އެގޮތުން މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓީސް(އެމްގެޕް) އަށް ދަނޑުތައް ސެޓީފައި ކުރުމަކީ، ކުރިން ފާހަގަ ކުރި، ރައްކާތެރި ތާޒާ މޭވާ އާއި ތަރުކާރީ އުފެއްދޭ މިންވަރު އިތުރުވާނެ ކަމެކެވެ.
މިއީ ރާއްޖޭގެ ހުރިހާ ދަނޑުވެރިންވެސް އިސްކަމެއް ދެއްވަން ޖެހޭ ކަމެކެވެ. މީގެ އިތުރުން ދަނދުވެރިކަމުގައި އަމަލުކުރާނެ ގަވައިދާއި، އުސޫލާއި، ހަމަތަކުގެ ތެރެއިން ދަނޑުވެރިކަން ކުރުމަކީ ވެސް ރައްކާތެރި ތާޒާ ކާނާ އިތުރު ކުރެވިދާނެ ކަމެކެވެ.
އާންމުކޮށް ގޭގޭގެ ބެލްކަނީ ނުވަތަ ގޯތި ތެރޭގައި އަމިއްލަ ބަދިގެއަށް ބޭނުންވާނެ މިންވަރަށް ކާބޯތަކެތި އުފައްދާ މީހުންވެސް މަދެއްނޫނެވެ. މިފަދަ ފަރާތްތަކުންވެސް ގަސްތަކަށް ޖެހޭ ތަފާތު ބަލިތަކުން ރައްކާތެރިކުރުމަށް ބަޔޯޕެސްޓިސައިޑްސް ބޭނުން ކުރުން މުހިންމުވެފައި ރައްކާތެރިއެވެ.
އެކި ބަލިތަކަށް ބޭނުން ކުރެވިދާނެ ބަޔޯޕެސްޓިސައިޑްސް އާއި ގުޅޭ މައުލޫމާތު މި ވުޒާރާގެ ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި ލިބެން ހުންނާނެއެވެ. އެފަދަ މައުލޫމާތުތައް ހޯދަވައި، އަޅުގަނޑުމެން އުފައްދާ ބޭނުން ކުރާ ކާނާ އަކީ ރައްކާތެރި ތާޒާ ތަކެއްޗަށް ހެދިދާނެއެވެ.
