ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެވޭނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރެވިގެން: މިނިސްޓަރ
ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެވޭނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރެވިގެންކަމުގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުން އެދިވަޑައިގެން އެ ކައުންސިލާއެކު، މިއަދު މިނިސްޓްރީގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ހދ. އަތޮޅު ކައުންސިލްގެ މެމްބަރުން ފާހަގަކުރެއްވި ބައެއް ކަންކަމަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެނެވުނު އިސްލާޙާ ގުޅިގެން އަތޮޅު ކައުންސިލް ހިންގުމުގެ ނިޒާމަށް ބަދަލު ގެނެވުނުކަމުގައިވިޔަސް، ސަރުކާރުގެ އަމާޒަކީ އަތޮޅު މާލިއްޔަތުގައި ހުރި ފައިސާ ކުރިއަށް އޮތްތަނުގައިވެސް އަތޮޅުގެ ރައްޔިތުންނަށް މަންފާ ކުރާނެ ގޮތަކަށް ބޭނުންކުރެވިގެން ދިޔުންކަމަށެވެ.
އަދި އަތޮޅު ކައުންސިލުން، އަތޮޅުގައި ބާއްވަމުންއައި މުބާރާތްތައްފަދަ އަތޮޅުގެ ރައްޔިތުންނާ ގުޅުންހުރި ކަންކަން ކުރިއަށް އޮތްތަނުގައިވެސް ކުރިޔަށް، ގެންދެވޭނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމާބެހޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ މަޝްވަރާކުރައްވަމުންދާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެދޭ ކަންކަމުގައި ކައުންސިލްތަކުން ފުރިހަމަ އެއްބާރުލުން ދެއްވާކަމަށާއި، ވުމާއެކު ކައުންސިލްތަކުން އެދިވަޑައިގަންނަވާ ކަންކަމުގައިވެސް ސަރުކާރުގެ މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެއްބާރުލުން ދެއްވަން ޖެހޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.
"ކައުންސިލްތަކާއިސަރުކާރުގެ މުއައްސަސާތަކާ ދެމެދު ރަނގަޅު ކޮމިއުނިކޭޝަނެއް ޤާއިމުވާންޖެހޭ" މިނިސްޓަރ ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމަކީ ވަރަށް ބޭނުންތެރި ނިޒާމެއްކަމަށާއި، ކައުންސިލްތަކުން ރައްޔިތުންގެ ގާތަށް ގޮސްގެން ރައްޔިތުންނަށް ޚިދުމަތްކުރުމަކީ މި ނިޒާމުން ފެންނަ އެންމެ ރީތި ސިފަކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
"ރަށްރަށުގައި ބަލިހާލުގައި ދާންމަތިވެފައިތިބޭ މީހުންގެ ގާތަށް ގޮސް ކައުންސިލުން އެމީހުންގެ ޙާލު ބަލަމުން ގެންދޭ" އެ މަނިކުފާނު ވިދާޅުވިއެވެ.
