"ދަނޑުވެރި މަންފާ" މެޗިންގ ގްރާންޓުގެ އެހީގައި ވައިކަރަދޫގައި ގްރީން ހައުސް އަޅައިފި
ހދ. ވައިކަރަދޫގެ އައިލެންޑް ފާރމާސް ފޯރަމް (އައިއެފްއެފް) ގެ މެންބަރުން، މެޕް ޕްރޮޖެކްޓްގެ "ދަނޑުވެރި މަންފާ" މެޗިންގ ގްރާންޓުގެ އެހީގައި އެރަށުގައި ގްރީންހައުސްތަކެއް ޤާއިމުކޮށްފިއެވެ.
މިއީ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ދަށުން ދަނޑުވެރިންނަށް މާލީ އެހީ ތެރިކަން ފޯރުކޮށް ދިނުމަށްޓަކައި, ހުޅުވާލި ގްރާންޓް ސްކީމްގެ ދަށުން، ދަނޑުވެރިން ގާއިމް ކުރި އަމިއްލަ ގްރީން ހައުސް ތަކެކެވެ. އެގޮތު ގްރީން ހައުސް ގާއިމްކުރުމަށް ދާ ޚަރަދުގެ %50 މެޕުން ކަވާކޮށްދޭއިރު އަނެއް %50 އަކީ ދަނޑުވެރިޔާ އަމިއްލަ އަށް ކުރަން ޖެހޭ ޚަރެދެވެ. މި ގޮތުން ވައިކަރަދޫގައި 8 ގްރީން ހައުސް ވަނީ ގާއިމްކޮށްފައެވެ.
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) އަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އަދި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން، ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ތަފާތު މަސައްކަތްތަކާއި ތަމްރީންތައް ހިންގުމަށް އުފައްދާފައިވާ ޕްރޮގްރާމެވެ.އަދި މެޕް ގެ ފަރާތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒަމާނީ ދަނޑުވެރިކަން ކުރިއެރުވުމަށާއި، ދަނޑުވެރިންނަށް ބޭނުންވާ ތަމްރީންތައް ފޯރުކޮށްދިނުމަށް ތަފާތު ގިނަ ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ
މެޕުން ދަނޑުވެރިކަން ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މީގެ ކުރިން ވަނީ 12 ރަށެއްގައި ވެސް ގްރީން ހައުސް ގާއިމުކޮށްފައެވެ. މި ގްރީން ހައުސްތަކުގައި ކިއުކަމްބާ ، މެލަން، މިރުސް އަދި ކެޕްސިކަމް ފަދަ ތަކެތި ހެއްދުމުގެ ތަމްރީނުތައް ކުރިއަށްގެންދެވިފައިވެއެވެ. އަދި އެރަށް ރަށުގެ ގްރީން ހައުސްތަކުގައި ދަނޑުވެރިން އަންނަނީ ކާމިޔާބު ކަމާއިއެކު ބާވަތްތައް ހައްދާ ނަފާ ހޯދަމުންނެވެ.
