ގޫގުލްގެ މަންސައަށް ދިވެހިބަސް ލުން މި މައުޟޫޢުއަށް ޚާއްޞަ ސިންތާއެއް ބާއްވައިފި.
ދިވެހި ޤައުމިއްޔަތުގެ އިސްވަރުން އިންތިޒާމުކޮށްގެން ކޮންމެ ނަކަތެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސިންތާތަކުގެ ތެރެއިން ހުވަން ނަކަތުގެ ސިންތާ މިއަދު ބާއްވައިފިއެވެ. މި ސިންތާއަކީ މި އަހަރުގައި ބާއްވާ ދެ ވަނަ ސިންތާއެވެ. ސިންތާގެ މައުޟޫޢެއްގެ ގޮތުގައި މި ފަހަރު ކަނޑައަޅާފައިވަނީ "ގޫގުލްއަށް ދިވެހިބަސް ލުން"މިއެވެ. މި ސިންތާ ބާއްވާފައިވަނީ ދިވެހި ޤައުމިއްޔަތުގެ އިސްވަރުންގެ އޮފީހުގައި މިއަދު ހަވީރުއެވެ.
ގޫގުލްގެ މަންސައަށް ދިވެހިބަސް ލުން މި މައުޟޫގެ މައްޗަށް ސިންތާގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ޢިލްމާއި ތަޖުރިބާ ހޯދާފައިވާ، އަލްފާޟިލް ނާއިލް ޢަބްދުއްރަޙްމާން (ކުޑަ ނާއީ)އެވެ. ދިވެހިބަސް ތަރުޖަމާ ކުރުމުން ފެށުނު މަސައްކަތުން އިތުރު ހޯދުންތައް ހޯދައި ބެލުމުގައި ޝައުގު އުފެދުނު މި ތަޖުރިބާކާރު ގޫގުލްގެ މަންސައަށް ދިވެހިބަސް ލުމުގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ގިނަ ބަޔަކާ ގުޅިގެން ގިނަ ބައެއްގެ އެހީތެރިކަމާ އެކު މިހާރު ވެސް ދަނީ އެ މަސައްކަތުގައި ކުރިއަށް ދަމުންނެވެ.
މި ސިންތާގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އިސް މަސްއޫލުވެރީން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭފުޅުންގެ އިތުރުން ސުމޭކުގެ ދާއިރާގެ ބޭފުޅުން ވަނީ ބައިވެރިވަޑައިގެންފައެވެ.
މި ވުޒާރާގެ ދަށުން ހިނގޭ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އިސްވާރުންގެ ތެރޭގައި ހިމެނޭ ސުމޭކްގެ އިސްވާރު މުޙައްމަދު ޢަބްދުލްޤާދިރަކީ ސުމޭކު ދާއިރާއިން ޢިލްމާއި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެވެ.
