ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފި
ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް، ގިރާވަރުފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ކަނޑައެޅުނު ލޮޓް ނަންބަރުތައް އެލޮކޭޓްކުރުމަށް ބާއްވާ ގުރުއަތުލުން ކުރިއަށް ގެންގޮސްފިއެވެ.
މި ގުރުއަތުލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ 31 ޖަނަވަރީ 2026 ވީ ހޮނިހިރު ދުވަހު ސޯޝަލް ސެންޓަރުގައެވެ. މި ބަދަލު ގެންނަން ޖެހުނީ ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، ކުރިން ކަނޑައަޅާފައިވާ ގޯތީގެ ސަރަޙައްދުތަކަށް ބަދަލު އައުމާ ގުޅިގެންނެވެ.

ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ ތަފްޞީލު:
- 1250 އަކަފޫޓުގެ 2605 ގޯތި
- 1650 އަކަފޫޓުގެ 1213 ގޯތި
- 2050 އަކަފޫޓުގެ 253 ގޯތި
- 2450 އަކަފޫޓުގެ 1 ގޯތި
މި ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ގޯތި ލިބޭ ފަރާތްތަކުގެ ހާޒިރުގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މުވައްޒަފުންނެވެ. އަދި ގުރުއަތު ނެގުމާއެކު އެ ފަރާތަކަށް ލިބުނު ޕްލޮޓް ނަންބަރު އެސް.އެމް.އެސް މެދުވެރިކޮށް ވަނީ ވަގުތުން އަންގާފައެވެ.
ގޯތިތަކުގެ ރަޖިސްޓްރީއާއި، ބިން ލިބޭ ފަރާތްތަކާއެކު ވެވޭ އެއްބަސްވުންތަކާ ގުޅޭ މަޢުލޫމާތު ފަހުގެ ތާރީޚެއްގައި މިނިސްޓްރީއިން ހިިއްސާކުރާނެއެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ނިމުމުން، ގޯތި ލިބިފައިވާ ފަރާތްތަކާ ބިން ހަވާލުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދާނެއެވެ.
