logo
banner image

އީ-މޯބިލިޓީއާ ގުޅޭ ގައުމީ ފެންވަރުގެ މަސައްކަތު ބައްދަލުވުމެއް މިއަދު ފަށައިފި

އީ-މޯބިލިޓީ މޮނިޓަރިންގ، ރިޕޯޓިންގ އަދި ވެރިފިކޭޝަން (MRV) އާ ގުޅޭ ގޮތުން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ގައުމީ ފެންވަރުގެ މަސައްކަތު ބައްދަލުވުމެއް މިއަދު މާލޭގެ ސާފު ރާއްޖެ ބިލްޑިންގގައި ފަށައިފިއެވެ. މި ބައްދަލުވުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ދަތުރުފަތުރުގެ ނިޒާމު ބައްޓަންކުރުމަށް ބޭނުންވާ އިލްމާއި ހުނަރު، ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ބާއްވާ ބައްދަލުވުމެކެވެ.

މި މަސައްކަތު ބައްދަލުވުން އިފްތިތާހުކޮށްދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން، ސްޓޭޓް މިނިސްޓަރު ފާއިޒް ވިދާޅުވީ، ރާއްޖެއިން މިހާރު މިސްރާބު ޖަހާފައިވަނީ ތިމާވެއްޓާ ރައްޓެހި، ސާފު އަދި ހަރުދަނާ ދަތުރުފަތުރުގެ ނިޒާމަކަށް ކަމަށެވެ. އެގޮތުން މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ތައާރަފުކުރެވޭ އިލެކްޓްރިކް ޓެކްސީތަކުގެ މައްޗަށް އޭނާ އަލިއަޅުއްވާލެއްވިއެވެ.

ސްޓޭޓް މިނިސްޓަރުގެ ވާހަކަފުޅުގައި، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރެވޭ މިންވަރު ދެނެގަތުމަށާއި، މި ދާއިރާއިން ކުރެވޭ އިންވެސްޓްމަންޓްތަކަށް މަގުދެއްކުމަށްޓަކައި ހަރުދަނާ 'އެމް.އާރް.ވީ' ނިޒާމެއްގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މިއީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް ލިބޭ ބޮޑު ބާރެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ޖީ.އީ.އެފް (GEF) ގެ އެހީގައި ކުރިއަށްދާ "އިންޓަގްރޭޓެޑް، ސަސްޓެއިނަބަލް އެންޑް ލޯ އިމިޝަން ޓްރާންސްޕޯޓް ޕްރޮޖެކްޓް" ގެ ދަށުން އިންތިޒާމުކޮށްފައިވާ ބައްދަލުވުމެކެވެ. މި ބައްދަލުވުން ކުރިއަށް ގެންދަނީ ޔޫ.އެން.އީ.ޕީ (UNEP) އާއި އޭޝިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (AIT) ގެ އެހީތެރިކަމާ އެކުގައެވެ.

މި މަސައްކަތު ބައްދަލުވުމުގައި ދުނިޔޭގެ އަދި ސަރަހައްދީ ފެންވަރުގައި އީ-މޯބިލިޓީގެ އޮއިވަރު ހުރި ގޮތާއި، އިލެކްޓްރިކް އުޅަނދުތަކަށް ބަދަލުވުމަށް ބޭނުންވާ ސިޔާސީ އޮނިގަނޑުތަކާއި، އެމް.އާރް.ވީ އަށް ބޭނުންވާ މައުލޫމާތު އެއްކުރުމާ ގުޅޭގޮތުން ސެޝަންތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން ބައިވެރިންގެ މެދުގައި މަޝްވަރާ ބައްދަލުވުންތައް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.