logo
banner image
ޞިއްޙީ ވުޒާރާ

ގުރައިދޫ މަރުކަޒުގައި ހުނަރު ތަރައްގީކުރުމުގެ ޕްރޮގްރާމްތަކެއް

ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި، ހުނަރުވެރިކަމުގެ މަސައްކަތްތައް ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި މޯލްޑިވްސް ޕޮލިޓެކްނިކްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މިހާރު ހިންގަމުން އަންނަނީ ޞިއްޙީ ވުޒާރާގެ ދަށުންނެވެ. މި އެއްބަސްވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އާމިނަތު އިސްމާޢީލެވެ. އަދި ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ސީއީއޯ ޒޫޝާން ކަމާލުއްދީނެވެ.

މި އެއްބަސްވުމުގެ ދަށުން، އެއް މުއައްސަސާ އަނެއް މުއައްސަސާއަށް އެހީތެރިކަން ދިނުމުގެ އެކި ކަހަލަ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕޮލިޓެކްނިކްގެ ފަރާތުން، ކ. ގުރައީދޫގައި ހުންނަ މަރުކަޒުގައި ހުނަރުވެރި މަސައްކަތްތައް ދަސްކޮށްދިނުމުގެ ތަފާތު ޕްރޮގްރާމްތައް ކުރިއަށްގެންދާނެއެވެ.

އެގޮތުން، ކޭކު ކޯސް، ގަސް ހެއްދުމުގެ ޕްރޮގްރާމް، ކަރަންޓު މަސައްކަތްތައް، ފޮޓޯގްރަފީ ފަދަ ދާއިރާތަކުން 3 ހަފްތާގެ ކުރު ތަމްރީން ޕްރޮގްރާންތައް ހިންގާނެއެވެ. މި ޕްރޮގްރާމްތައް ގެންދާނީ ފަރުވާގެ ޕްރޮގްރާމް ނިންމާފައިވާ މީހުންނާއި އަދި ފަރުވާގެ އެކި ޕްރޮގްރާމްތަކުގައި މިހާރުވެސް އުޅެމުންދާ މީހުންނަށެވެ.

ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިހާރުވެސް 198 މީހުން ބަލަހައްޓަމުންދެއެވެ. ޕޮލިޓެކްނިކްއާއި ގުޅިގެން މީގެ ކުރިން ކޭކު ކޯހެއްވެސް ކާމިޔާބުކަމާއެކު ވަނީ ކުރިއަށް ގެންގޮސްފައެވެ. ފަރުވާ ފުރިހަމަކުރުމަށްފަހު ގިނަ ބަޔަކު އަނބުރާ އާއިލާތަކުގެ ބެލުމުގެ ދަށަށް ދެއެވެ.

މި ޕްރޮގްރާމްތަކަކީ އެއްވެސް ފީއަކާ ނުލާ ގެންދާ ޕްރޮގްރާމްތަކެވެ.

ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި ޕޮލިޓެކްނިކްއާ ދެމެދު ވެފަވާ އެއްބަސްވުމުގެ ދަށުން، ޕޮލިޓެކްނިކްގައި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ތަފާތު އެކި ޕްރޮގްރާމްތައް ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ.