logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 12 - 12.13 ކުއްޔަށް ދޫކުރާ ތަންތަނާއި، ކުއްޔަށް ހިފާ ތަންތަނާއި ތަކެތީގެ ރިކޯޑު ބެލެހެއްޓުން

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 12 "ދައުލަތުގެ މުދާ" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.

ކުއްޔަށް ދޫކުރާ ތަންތަނާއި، ކުއްޔަށް ހިފާ ތަންތަނާއި ތަކެތީގެ ރިކޯޑު ބެލެހެއްޓުން

12.13

(ހ) ދައުލަތުގެ އޮފީސްތަކުގެ ބެލުމުގެ ދަށުގައި ހުންނަ ކުއްޔަށް ދޫކުރާ ތަންތަނާއި، ކުއްޔަށް ހިފާ ތަންތަނާއި ތަކެތީގެ، ތިރީގައިމިވާ މަޢުލޫމާތު އެ އޮފީހަކުން ލިޔެ ބަލަހައްޓަންވާނެއެވެ.

(1) އެ ތަނެއް ނުވަތަ އެ އެއްޗެއްގެ ނަން؛

(2) ކުލީގެ އެއްބަސްވުމުގައި ހިމެނޭ ފަރާތްތައް؛

(3) ކުލީގެ ރޭޓާއި މުއްދަތު؛

(4) އެ ތަނެއް ނުވަތަ އެ އެއްޗެއްގެ ތަފުސީލު؛

(5) އެ ތަނެއް ނުވަތަ އެ އެއްޗެއް ކުއްޔަށް ދޫކުރަން ކަނޑައެޅި ތާރީޚު.

(ށ) ކުއްޔަށް ދޫކުރާ ތަންތަނުގެ ތިރީގައިމިވާ މަޢުލޫމާތު ހިމަނައިގެން ވަކި 2 (ދޭއް) ރަޖިސްޓަރީއެއް ބަލަހައްޓަންވާނެއެވެ. (MG/PR04)

(1) ތަނުގެ ނަމާއި އެޑްރެސް؛

(2) ކުއްޔަށް ދޫކުރި ފަރާތް ނުވަތަ ކުއްޔަށް ހިފި ފަރާތް؛

(3) ކުލީގެ ރޭޓް؛

(4) ކުއްޔަށް ދޫކުރި ތާރީޚު ނުވަތަ ކުއްޔަށް ހިފި ތާރީޚު؛

(5) ކުލި ލިބުނު ތާރީޚާއި، ފައިސާ ބަލައިގަތް ރަސީދު ނުވަތަ ބިލު ނަންބަރާއި، ލިބުނު ފައިސާގެ އަދަދާއި، ކުލި ދެއްކި ތާރީޚާއި، ވައުޗަރު ނަންބަރު؛

(6) ކުލީގެ ފައިސާ ޖަމާކުރެވޭ އެކައުންޓު ނަންބަރު؛

(7) ކުއްޔަށް ދިން ތާރީޚު ނުވަތަ ކުއްޔަށް ހިފި ތަން ދޫކޮށްލި ތާރީޚު؛

(8) އިތުރު ބަޔާން (ކުރެވޭ އެގްރީމެންޓާ ގުޅިގެން އެގްރީމެންޓުގެ މުއްދަތާއި މާއްދާތަކަށް ގެންނަ ބަދަލު)؛

(9) ކުއްޔަށް ދޫކުރި ނުވަތަ ކުއްޔަށް ހިފި ތަނުގެ އިންވެންޓްރީ.

(ނ) ކުއްޔަށް ދޫކުރާ ތަންތަނުގެ އެގްރީމަންޓުގައި، ތިރީގައިވާ ކަންކަމުންކުރެ އެއްވެސް ކަމެއް ހިމަނައިގެން ނުވާނެއެވެ.

(1) ކުލި ލިބެންޖެހޭ މުއްދަތުގެ ތެރޭގައި ކުލި ނުލިބޭގޮތަށް އެއްވެސް މާއްދާއެއް އެއްބަސްވުމުގައި ނުހިމެނުން؛

(2) ކުލި ނުދައްކައިގެން ކުރާ ޖޫރިމަނާގެ އަދަދު ވަކިވަރަކަށް އެރުމުން އެގްރީމެންޓް ބާޠިލުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެގްރީމެންޓް ބާޠިލު ނުކުރެވޭނެގޮތަށް އެއްވެސް މާއްދާއެއް އެގްރީމުންޓުގައި ނުހިމެނުން؛

(3) ކުއްޔަށް ދޫކޮށްފައިވާ ތަނެއް އެގްރީމެންޓާ ޚިލާފުވެގެން ވަކިކުރާއިރު ކުއްޔަށް ހިފައިގެން އުޅުނު ފަރާތުން ކޮށްފައިވާ އިންވެސްޓްމަންޓަށް ބަދަލުދޭގޮތަށް ޤާނޫނަކުން ލާޒިމުކުރާ ކަންކަން ފިޔަވައި، ކުއްޔަށް ހިފި ފަރާތުން ކޮށްފައިވާ އެހެން އެއްވެސް އިންވެސްޓްމަންޓަކަށް ބަދަލުދޭގޮތަށް އެގްރީމެންޓް ނުކުރުން.