logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 12 - 12.12 ދައުލަތުގެ ތަންތަނާއި ތަކެތި ކުއްޔަށް ދޫކުރުން

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 12 "ދައުލަތުގެ މުދާ" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.

ދައުލަތުގެ ތަންތަނާއި ތަކެތި ކުއްޔަށް ދޫކުރުން

12.12

(ހ) ދައުލަތުގެ މުދަލެއް (ބިންބިމާއި ރަށްރަށްވެސް ހިމެނޭ ގޮތަށް) ކުއްޔަށް ދޫކުރަންވާނީ، މިކަމާބެހޭ އުސޫލުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އެ މުދާ ކުއްޔަށް ހިފުމަށް ކުރިމަތިލާން އެދޭ އެންމެހައި ފަރާތްތަކަށް ހަމަހަމަ ފުރުޞަތު ދެވޭނެ ހާމަކަންބޮޑު ގޮތެއްގެ މަތީންނެވެ. މިގޮތުން، ކުއްޔަށް ދޫކުރުމަށް އިޢުލާނު ކުރާއިރު، ކުއްޔަށްދޭނެ ފަރާތެއް ހޮވުމުގައި ޕޮއިންޓް ދޭނެ އުސޫލެއް، އެ އިޢުލާނާއެކު ހިމަނައިފައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ މުދަލުގެ ތެރޭގައި ހިމެނޭ އެއްވެސް މުދަލެއް (ބިންބިމާއި ރަށްރަށް) ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރެވޭ ޚާއްޞަ ޤާނޫނެއް އޮތްނަމަ، އެ ތަނެއް ދޫކުރުމުގައި ޢަމަލުކުރަންވާނީ، އެ ޤާނޫނުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ރައްޔިތުންނަށް އަސާސީ ޚިދުމަތެއް ދިނުމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތަށް ކަނޑައެޅޭ ދައުލަތުގެ ވަކި މުދަލެއް އާންމުކޮށް އިޢުލާނުކޮށްގެން ކުއްޔަށް ދިނުމުން މިނިސްޓަރަށް އިސްތިސްނާ ކުރެވިދާނެއެވެ. މިގޮތަށް އިސްތިސްނާކުރާ ދައުލަތުގެ ތަންތަނާއި ތަކެތީގެ ލިސްޓެއް އެކުލަވައިލަންވާނެއެވެ. އަދި ލިސްޓަށް ގެންނަ އުނިއިތުރު އެނގޭނޭހެން މިނިސްޓްރީން މި ލިސްޓު ބަލަހައްޓަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ކުއްޔަށް ދޫކޮށްފައިވާ ތަންތަނާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުންތަކާ މެދުގައި ޢަމަލުކުރެވޭނީ ވެސް އެ ޤާނޫނަކާއި އެ ޤާނޫނެއްގެ ދަށުން އެކުލަވައިލާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ބ) ދައުލަތުގެ ތަނެއް ނުވަތަ އެއްޗެއް ކުއްޔަށް ދޭންވާނީ، ކުއްޔަށް ހިފާ ފަރާތާ ކުއްޔަށް ދޫކުރާ ފަރާތާ ދެމެދު ލިޔުމުން ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގައި، ތިރީގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

(1) ކުއްޔަށް ދޫކުރާ ތަނުގެ ނުވަތަ އެއްޗެއްގެ މަޢުލޫމާތު؛

(2) ކުއްޔަށް ހިފާ ފަރާތުގެ ފުރިހަމަ މަޢުލޫމާތު؛

(3) ކުއްޔަށް ދޫކުރާ މުއްދަތާއި، މުއްދަތު އިތުރު ކުރެވޭނެ ގޮތް؛

(4) ކުލި؛

(5) ކުލި ދައްކާނެ ގޮތް؛

(6) މުއްދަތުގައި ކުލި ނުދައްކައިފިނަމަ ޢަމަލުކުރާނެ ގޮތް؛

(7) އެއްބަސްވުން ބާޠިލުނުކޮށް ޖޫރިމަނާގެ ގޮތުގައި އެންމެ ގިނަވެގެން ނެގޭނެ މިންވަރު؛

(8) ކުލި ރިވިއުކުރާނަމަ، ރިވިއުކުރާނެ ގޮތް؛

(9) ކުއްޔަށް ދޫކުރަނީ ތަނެއްނަމަ، އެ ތަނުގައި އިންވެސްޓްކުރުމަށް އެއްބަސްވާ ގޮތް؛

(10) ކުއްޔަށް ހިފާ ފަރާތުގެ އިންވެސްޓްމަންޓަށް ބަދަލުދެވޭނެ ގޮތް؛

(11) އެއްބަސްވުމުގައިވާ ގޮތަށް ކުއްޔާއި ޖޫރިމަނާ ނުދައްއިފިނަމަ، އެއްބަސްވުން ބާޠިލުކޮށް، ކުއްޔަށް ހިފި ފަރާތުން އެ ތަނެއް ނުވަތަ އެ އެއްޗެއް އަތުލެވޭނެކަން؛

(12) ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކައިގެން ކުއްޔަށް ހިފާ ފަރާތުން އެ ތަނެއް ވަކިކުރާއިރު، އެހައިތަނަށް ނުދައްކާހުރި ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދާނެ ގޮތް؛

(13) ކުއްޔަށް ދޫކުރާ ތަނުގައި ކުރެވޭނެ މަސައްކަތް؛

(14) ވަކި ބާވަތެއްގެ މަސައްކަތެއް ކުރުމަށް ތަނެއް ކުއްޔަށް ދޭނަމަ، އެ ކަމަކުން އެ މުއްދަތުގައި ހާސިލުކުރަން ބޭނުންވާ މަގުސަދާއި، އެ މަގުސަދު ހާސިލުނުވެއްޖެނަމަ އަޅާނެ ފިޔަވަޅު؛

(15) ވަކި ބާވަތެއްގެ ކަމެއް ކުރަން ދޫކުރާ ތަނެއްނަމަ، އެ ތަނެއްގައި އެ ނޫން ކަމެއް ނުކުރެވޭނެކަން؛

(16) ވަކި ބާވަތެއްގެ ކަމެއް ކުރަން ކުއްޔަށް ދޭނަމަ، އެ ތަނުގައި ކުރާ މަސައްކަތް ބެލުމަށް ނުވަތަ ދިރާސާއެއް ކުރުމަށް ކުއްޔަށް ދޫކުރި ފަރާތަށް އެ ތަނަށް ވަދެވޭނެކަން؛

(17) ކުއްޔަށް ހިފި ތަނެއް ނުވަތަ އެއްޗެއް ދެވަނަ ފަރާތަކަށް ކުއްޔަށް ދެވޭނެ ގޮތް؛

(18) ކުއްޔަށް ދޫކުރާ ތަނެއް ނުވަތަ އެއްޗެއް ދެމެހެއްޓުމަށް ޓަކައި އަޅަންޖެހޭނެ ފިޔަވަޅު؛

(19) ކުއްޔަށް ހިފި އެއްޗަކާ ގުޅިގެން ނުވަތަ ތަނަކާ ގުޅިގެން އެއްވެސް ފަރާތަކަށް ފައިސާއެއް ދައްކަންޖެހޭނަމަ، އެ ފައިސާ ދައްކާނެ ފަރާތެއް؛

(20) ކުއްޔަށް ހިފި އެއްޗަކާ ގުޅޭގޮތުން ނުވަތަ ތަނަކާ ގުޅޭގޮތުން އެއްވެސް ޤާނޫނަކުން ކުރަން ލާޒިމުވާ ކަމެއް އޮތްނަމަ، އެ ކަމެއް ކުރާނެ ގޮތަކާއި، އެ ކަމެއް ކުރާނެ ފަރާތެއް؛

(21) އެއްބަސްވުމުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، އެކަން ޙައްލުކުރާނެ ގޮތަކާއި، އަޅާނެ ފިޔަވަޅު؛

(22) ކުއްޔަށް ދޫކުރި އެއްޗެއް ނުވަތަ ތަނެއް، މުއްދަތު ހަމަވެގެން އަނބުރާ ހަވާލުވުމުގައްޔާއި ހަވާލުކުރުމުގައި ޢަމަލުކުރާނެ ގޮތް؛

(23) ކުއްޔަށް ދޫކޮށްފައިވާ ތަނެއް، މުއްދަތު ހަމަވުމުގެ ކުރިން ދައުލަތުގެ ބޭނުމަކަށް ނަގަން ބޭނުންވެއްޖެނަމަ، ބަދަލު ދިނުމުގެ ކަންތައް ހަމަޖައްސާނެ ގޮތް؛

(24) ވަކި ބާވަތެއްގެ މަސައްކަތެއް ކުރަން ޝަރުޠުކޮށް ކުއްޔަށް ދޫކުރާ ތަންތަނުގައި ކުރަމުންދާ މަސައްކަތް ހިނގަމުންދާ ގޮތުގެ ރިޕޯޓެއް، ކަނޑައެޅޭ މުއްދަތެއްގައި ތައްޔާރުކޮށްފައި، ކުއްޔަށް ދޫކުރި ފަރާތަށް އެ ރިޕޯޓު ހުށަހެޅުމަށް އެއްބަސްވުމުގައި ހިމެނުން؛

(25) ކުއްޔަށްދޭ ފަރާތުން އިންޝުއަރަންސް ހޯދައިފައިވާނަމަ، އެ އިންޝުއަރަންސްގެ ފުރިހަމަ މަޢުލޫމާތު؛

(26) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުން ފެށިގެން (25) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުންވެސް، ކުއްޔަށް ދޫކުރާ ފަރާތަށް ފެންނަ މުހިންމު ކަންތައްތައް.

(ބ) ދައުލަތުގެ އޮފީސްތަކުން ދުވަހުކުލި ކަނޑައަޅައިގެން ކުއްޔަށް ދޫކުރާ ތަންތަނާއި ތަކެތި ކުއްޔަށް ދޫކުރާނެ އަގުތައް އެ އޮފީހަކުން ކަނޑައެޅުމަށްފަހު، އެ އަގުތައް އާންމުކޮށް ފެންނާނޭހެން އޮންނަންވާނެއެވެ.

(ޅ) ދުވަހުކުއްޔަށް ދޫކުރާ ތަންތަނާއި ތަކެތި، ކުއްޔަށް ދޫކުރުމަށް އާންމުކޮށް އިޢުލާނުކުރާކަށެއް ނުޖެހޭނެއެވެ.