"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 12 - 12.06 ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމެނޭ ބައިތައް
މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.
އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 12 "ދައުލަތުގެ މުދާ" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.
ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމެނޭ ބައިތައް
12.06
(ހ),ދައުލަތު ތަންތަނުގައި ހުންނަ ދައުލަތުގެ މުދަލުގެ ހިސާބުތައް މި ގަވާއިދުގެ 6 ވަނަ ބާބުގައިވާ ގޮތުގެ މަތީން، އެ ތަކެއްޗަށް އަންނަ އުނިއިތުރާއި، ބަލަށްކެނޑިގޮތް (ޑެޕްރިސިއޭޝަން) އެނގޭނޭގޮތަށް ލިޔެ ބަލަހައްޓަންވާނެއެވެ.
(ށ) ދައުލަތުގެ ހަރުމުދާ ބަލަށްކެނޑުމުގައި (ޑެޕްރިސިއޭޝަން) ޢަމަލުކުރާނެ އުސޫލެއް، މިނިސްޓަރު ކަނޑައަޅައި، އާންމުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ހިސާބު ބެލެހެއްޓުމަށް ޓަކައި ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމެނޭ ތަކެތި ކެޓަގަރައިޒް ކުރާނީ MG/PR02 ގައިވާ ގޮތުގެ މަތީންނެވެ.
(ރ) ދައުލަތުގެ ހަރުމުދަލުގެ ގޮތުގައި ކެޓަގަރައިޒްކުރެވިގެން ހިސާބު ބެލެހެއްޓުމުގައި، ހަރުމުދަލުގެ އިންވެންޓްރީގެ އެކި ބައިތަކަށް ބައިކުރަންޖެހޭ ގޮތް ތިރީގައި މިވަނީއެވެ.
ކެޓަގަރީ ނަންބަރު 1: ބިންބިމާއި، އިމާރާތްތަކާއި، އެ ބާވަތުގެ މާއްދީ މުދާ
މި ބައިގައި ހިމެނެނީ، ބިންބިމާއި، އިމާރާތްތަކާއި، ވައިގެ ބަނދަރުތަކާއި، ކަނޑުގެ ބަނދަރުތަކާއި، ފެނާއި ނަރުދަމާ ފަދަ ނިޒާމުތަކާއި، ސްޓޭޑިއަމްތަކާއި، ޕާކުތަކާއި، ބުރިޖުތަކާއި، މަގުތައް ފަދަ، މާއްދީ މުދަލެވެ. މިގޮތުން ނަގާ ލިސްޓުގައި، އެ އެއްޗެއް އޮތް ނުވަތަ ހުރި ތަނަކާއި، ބޮޑުމިނާއި، ހަދައިފައިހުރި ގޮތާއި، އަގާއި، އުފެއްދި ނުވަތަ ލިބުނު ތާރީޚު އެނގޭނޭގޮތަށް ތަފުސީލުކޮށް ރަޖިސްޓަރީގައި ލިޔެފައި އޮންނަންވާނެއެވެ. މިފަދަ ތަންތަނާއި ތަކެތީގެ ކުރެހުންތަކުގެ އަސްލު އެ އޮފީހެއްގައި ހުންނަންވާނެއެވެ. ކުއްޔަށް ހިފައިފައި ހުންނަ ތަންތަން މީގެ ތެރެއަކު ނުހިމެނޭނެއެވެ.
ކެޓަގަރީ ނަންބަރު 2: ފަރުނީޗަރާއި، ފިކްސްޗަރސްއާއި، ފިޓިންގްސް
މި ބައިގައި ހިމެނެނީ، ގޮނޑި، މޭޒު، އަލަމާރިފަދަ ތަކެއްޗާއި، އިމާރާތުގައި ހަރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން ޕެނަލް ބޯޑު، ފަންގިފިލާ ފަންކާ، ފެންއަޅާ ތާނގީ، ތިޖޫރީފަދަ، ހަލާކުނުކޮށް ނައްޓައިލެވޭގޮތަށް ހަރުކޮށްފައި ހުންނަ ތަކެއްޗެވެ.
ކެޓަގަރީ ނަންބަރު 3: ޕްލާންޓް، މެޝިނަރީ، އިކްއިޕްމަންޓްސް، ސޮފްޓްވެއަރ، އައި.ޓީ (އިންފޯމޭޝަން ޓެކްނޮލޮޖީ) އާ ގުޅޭގޮތުން ހޯދާ ހާޑުވެއަރ
މި ބައިގައި ހިމެނެނީ، ޑީސެލިނޭޝަން ޕްލާންޓް، އިންޖީނު، އެކިކަހަލަ އިކްއިޕްމަންޓް، ކޮމްޕިއުޓަރ ހާޑްވެއަރއާއި ސޮފްޓްވެއަރ، ސައިންޓިފިކް އިކްއިޕްމަންޓް، އައިސް އަލަމާރި، ދޮންނަ މެޝިނު، ފެންމޯޓަރ، އުނދުން، ފޯނު، ވޯކީޓޯކީ ސެޓް، ރޭޑިއޯޓެލެފޯން ސެޓް، ޓީވީ، ލަވަޖަހާ ސެޓް، އެއަރކޮންޑިޝަން، ފޮޓޯކޮޕީމެޝިން، ޕްރިންޓަރ، ބައިންޑިންގ މެޝިން، ލެމިނޭޓިންގ މެޝިން، ފައިސާ ގުނާ ނުވަތަ ޗެކުކުރާ މެޝިން، ޝްރެޑަރ، ކެމެރާ ފަދަ ތަކެއްޗެވެ.
ކެޓަގަރީ ނަންބަރު 4: ދުއްވާ ތަކެތި
މި ބައިގައި ހިމެނެނީ، އެއްގަމުގައި ދުއްވާ ތަކެއްޗާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރާއި، ވައިގައި ދުއްވާ ބޯޓުފަހަރެވެ. ކަފު ޖަހައިގެން ދަމާ ތަކެއްޗާއި، ޓްރެކްޓަރުގައި ޖަހައިގެން މަސައްކަތްކުރާ ތަކެތި ވެސް މީގެ ތެރޭގައި ހިމެނޭނެއެވެ.
ކެޓަގަރީ ނަންބަރު 5: މަސައްކަތްކުރަން ގެންގުޅޭ ޓޫލްސް، އިންސްޓްރޫމަންޓްސް، އެޕަރޭޓަސް
މި ބައިގައި ހިމެނެނީ، އިންޖީނާއި މެޝިން ހެދުމުގެ މަސައްކަތުގައި ބޭނުންކުރާ ޓޫލްސްއާއި، ލެބޯޓަރީފަދަ ތަންތާނގައި ބޭނުންކުރާ ޓޫލްސްއާއި، އެހެނިހެން މަސައްކަތުގައި ބޭނުންކުރާ ޚާއްޞަ އިންސްޓްރޫމަންޓްތަކެވެ.
ކެޓަގަރީ ނަންބަރު 6: ކޮޕީރައިޓްސް، ޕޭޓަންޓްސް
މި ބައިގައި ހިމެނެނީ، ދައުލަތަށް ހޯދައިފައިވާ ކޮޕީރައިޓްސްއާއި، ޕޭޓަންޓްސްއާއި، ޓްރޭޑްމާކް، އަދި ލައިސަންސާއި މިނޫންވެސް މި ބާވަތުގެ މުދަލުގެ ތަފުސީލެވެ.
ކެޓަގަރީ ނަންބަރު 7: އާސާރީ ތަންތަނާއި ތަކެތި
މި ބައިގައި ހިމެނެނީ، ދައުލަތުގެ މިލްކުގެގޮތުގައި ހިމެނޭ އެންމެހައި އާސާރީ ތަންތަނާއި، ތާރީޚީ ތަންތަނާއި، އެ ތަންތަނުގައި ބަހައްޓައިފައި ހުންނަ އާސާރީ ތަކެއްޗާއި ތާރީޚީ ތަކެއްޗެވެ.
ކެޓަގަރީ ނަންބަރު 8: ފަޅުރަށްރަށާއި، ގޮއިފާލައްބައާއި ހިންނަފަދަ ތަންތަނާއި، ކުޅިއާއި ފަޅާއި ފަރުފަދަ ތަންތަނާއި، އެ ތަންތަނާއި އެ ނޫން ތަންތަނުގައި ހުންނަ ދިރޭމުދާ
މި ބައިގައި ހިމެނެނީ، ދައުލަތުން ބަލަހައްޓާ ބިންބިމާއި، ރާއްޖޭގެ ހުރިހާ ފަޅުރަށްރަށާއި ހުރާގަނޑާއި ގޮއިފާލައްބަ ހިންނަފަދަ ތަންތަނާއި، ފަޅުތެރޭގައި ހުންނަ ފިނޮޅުތަކާއި، ރަށްރަށުގައި ހުންނަ ކުޅިތަކާއި، ރަށްރަށާ ވަކިން ހުންނަ ފަރުތަކާއި ފަޅުތަކާއި، މިފަދަ ތަންތަނުގައި ހުންނަ ރުއްގަސް ފަދަ، ދިރޭމުދަލެވެ.
(ބ) ދައުލަތުގެ އޮފީސްތަކުގައި ހުންނަ ހަރުމުދާ ހަމަޔަށް ހުރިތޯ، މަދުވެގެން އަހަރަކު އެއްފަހަރު، އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ ކަނޑައަޅާ އުސޫލެއްގެ މަތީން ޗެކުކޮށް ބަލަންވާނެއެވެ. މިގޮތުން ޗެކުކުރާއިރު، ތަކެތި ގިނަދުވަހަށް ދެމެހެއްޓުމަށް ޓަކައި އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައިވޭތޯ ބަލަންވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން ޗެކުކުރުމަށްފަހު، ތަކެއްޗާ ހަވާލުވެހުރި މުވައްޒަފަކާއި ޗެކުކުރި ބަޔަކު، ހަރުމުދާ ޗެކުކުރިކަމުގެ ލިޔުމެއްގައި ސޮއިކުރަންވާނެއެވެ. ޗެކުކުރިއިރު އުނިއިތުރެއްވާނަމަ، އެކަމާމެދު ނިންމި ގޮތް ބަޔާންކޮށް، އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ ނުވަތަ އެ އޮފީހެއްގެ އިސްވެރިޔަކު ސޮއިކުރަންވާނެއެވެ.
