logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 12 - 12.05 ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓަރީ ބެލެހެއްޓުން

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 12 "ދައުލަތުގެ މުދާ" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.

ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓަރީ ބެލެހެއްޓުން

12.05

(ހ) ދައުލަތުގެ ބަޖެޓުގެ ކެޕިޓަލް ޚަރަދުގެ އައިޓަމްތަކުން ޚަރަދުކޮށްގެން ހޯދާ އެންމެހައި ތަކެއްޗާއި، މަސައްކަތްތަކާއި، ބޭނުންކުރެވޭނެކަމަށް ލަފާކުރާ މުއްދަތު 1 (އެކެއް) އަހަރަށްވުރެ ގިނަވާނަމަ، ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށް، މިނިސްޓްރީން އެ ތަކެތި ބަލަހައްޓަންވާނެއެވެ.

(ށ) ދައުލަތުގެ އޮފީހަކަށް އެކި ފަރާތްތަކުން އެހީގެ ގޮތުގައި ލިބޭ ހަރުމުދަލާއި އެނޫން ގޮތްގޮތުން ދައުލަތަށް ލިބޭ ހަރުމުދާ، މިނިސްޓްރީން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށް ބަލަހައްޓަންވާނެއެވެ.

(ނ) ކަމާބެހޭ ޚާއްޞަ ޤާނޫނެއްގައި ނުވަތަ އެފަދަ ޤާނޫނެއްގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެއްގައި އެހެން ގޮތަކަށް ކަނޑައަޅައިފައިވާ ނުވާހައި ހިނދަކު ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ފަޅުރަށްރަށާއި، ގޮއިފާލައްބައާއި، ހިންނަފަދަ ތަންތަނާއި، ކުޅިއާއި، ފަޅާއި، ފަރުފަދަ ތަންތަނާއި، އެ ތަންތަނާ ގުޅިފައިހުރި މާއްދީ މުދަލުގެ ރަޖިސްޓަރީ، އެ ތަނެއް ހަވާލުވެފައިވާ ދައުލަތުގެ އޮފީހަކުން، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ބަލަހައްޓަންވާނެއެވެ.

(ރ) ދައުލަތުގެ އޮފީސްތަކުން، އެ އޮފީހެއްގެ ބެލުމުގެ ދަށުގައި ހުރި ހަރުމުދަލުގެ ރަޖިސްޓަރީ ބެލެހެއްޓުމުގެ އިތުރުން، މުޅި ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓަރީއެއް، މިނިސްޓްރީން ބަލަހައްޓަންވާނެއެވެ. މުޅި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ހަރުމުދާ، ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އަގުކޮށް، ބަލަށް ކެނޑުމަށްފަހު ޖެހޭ އަގު ކަނޑައަޅަންވާނެއެވެ.

(ބ) ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓަރީގައި ހިމެނޭ ކޮންމެ މުދަލެއްގެ، ތިރީގައިވާ މަޢުލޫމާތު ފުރިހަމަކޮށް ބަލަހައްޓައިފައި ހުންނަންވާނެއެވެ.

(1) އިންވެންޓްރީ ނަންބަރު ނުވަތަ އެސެޓް ނަންބަރު (1 މޭ 2009 ގެ ފަހުން ހޯދައިފައިވާ އެސެޓް)؛

(2) މުދަލުގެ ފުރިހަމަ ނަމާއި ތަފުސީލު (ބްރޭންޑް، މޮޑެލް، ސީރިއަލް ނަންބަރު، މިން ނުވަތަ ބަރުދަން، މުދަލުގެ ހާލަތު، މަރާމާތެއް ކޮށްފައިވާނަމަ އެ ކަމެއްގެ ތަފުސީލާއި މިނޫންވެސް މުހިންމު މަޢުލޫމާތު ހިމަނަންވާނެއެވެ.)؛

(3) މުދާ ހުރި ތަން؛

(4) މުދާ ލިބުނު ތާރީޚު؛

(5) މުދަލުގެ އަގު (ވަކިވަކިން)؛

(6) އިތުރު މަޢުލޫމާތު (ފަހުން އަންނަ ބަދަލު އެނގޭގޮތަށް)؛

(7) އިންވެންޓްރީ ނަންބަރު ނުވަތަ އެސެޓް ނަންބަރު (1 މޭ 2009 ގެ ފަހުން ހޯދައިފައިވާ އެސެޓް).

(ޅ) ހަރުމުދަލުގެ ހިސާބު ބަލަހައްޓަންވާނީ، މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތީންނެވެ.