logo
banner image

"ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" މަޝްރޫޢުގެ އިމްޕްލިމެންޓޭޝަން އެގްރިމަންޓްގައި ރަސްމީކޮށް ސޮއިކޮށްފި

ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" މަޝްރޫޢުގެ އިމްޕްލިމެންޓޭޝަން އެގްރިމަންޓްގައި ރަސްމީކޮށް ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އިއްޔެ ބޭއްވުނު ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އެމްބަސީގެ ކައުންސެލަރ ޒެންގެ ޒޫ އެވެ.

ވިލިމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މި ހޮސްޕިޓަލަކީ 112 އެނދުގެ ޖާގަ ހިމެނޭހެން، ގާތްގަނޑަކަށް 12,890 އަކަމީޓަރުގެ ސަރަޙައްދެއްގައި އިމާރާތްކުރެވޭ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލް ވެގެންދާނީ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދޭނެ މަރުކަޒަކަށެވެ.

އެގޮތުން، މި ހޮސްޕިޓަލުގައި އައުޓްޕޭޝަންޓް އަދި ކުއްލި ފަރުވާގެ ޚިދުމަތްތަކާއި، ބަލި ދެނެގަތުމަށާއި ފަރުވާ ދިނުމަށް ޚާއްޞަ ސަރަޙައްދުތަކާއި، މެޑިކަލް ވޯޑުތަކުގެ އިތުރުން އިދާރީ އޮފީސްތައް ހިމެނޭނެއެވެ. އަދި ޓާޝަރީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހައި މެޑިކަލް އިކުއިޕްމަންޓާއި ފަރުނީޗަރުވެސް މި މަޝްރޫޢުގެ ދަށުން ހޮސްޕިޓަލުގައި ގާއިމްކުރުމަށް ހަމަޖެހިފައިވެއެވެ.

އިމްޕްލިމެންޓޭޝަން އެގްރިމަންޓްގެ ދަށުން ބީލަމުގެ އުސޫލުން މި މަޝްރޫޢަށް ކޮންޓްރެކްޓަރަކު އައްޔަންކޮށް، މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ލަފާކުރެވެއެވެ.