ބ. ކެންދޫގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރަނީ
ބ. ކެންދޫގައި ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހަކަތަ އުފެއްދުމަށްޓަކައި އެ ރަށުގައި ސޯލާ-ޑީސަލް-ބެޓެރި ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިހާރު ދަނީ ބާރުގަދަ މިނެއްގައި ކުރެވެމުންނެވެ. މިކަމުގެ ސަބަބުން އަހަރަކު 1 ލައްކައަށްވުރެ ގިނަ ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެއެވެ.

މި މަޝްރޫއުގެ ދަށުން ކެންދޫގައި 249 ކިލޯވޮޓް ޕީކްގެ ސޯލާ ފޮޓޯވޮލްޓެއިކް (ޕީވީ) ސިސްޓަމަކާއި، 344 ކިލޯވޮޓް އަވަރގެ ބެޓެރި އެނާޖީ ސްޓޯރޭޖް ސިސްޓަމެއް (ބީ.އީ.އެސް.އެސް) ގާއިމުކުރެވޭނެއެވެ. މި ނިޒާމުގެ މައިގަނޑު މަގުސަދަކީ ރަށުގެ ކަރަންޓު ގްރިޑްގެ ހަމަޖެހުން ގާއިމުކުރުމާއެކު، ކަރަންޓު އުފެއްދުމަށްޓަކައި ޑީސަލަށް ބަރާސާވާ މިންވަރު ބޮޑުތަނުން ކުޑަކުރުމެވެ.
މި ނިޒާމު އަމަލީގޮތުން ބޭނުންކުރަން ފެށުމާއެކު، ކެންދޫގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލްގެ ތެރެއިން އަހަރަކު 117,181 ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާކުރެވެއެވެ. މީގެ އިތުރުން، މިއީ ތިމާވެއްޓަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެއެވެ. އެގޮތުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 287 ޓަނުގެ ކާބަން އިމިޝަންސް ކޮންމެ އަހަރަކު މަދުކުރެވޭނެ ކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދެއެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހަކަތައިގެ ދާއިރާއަށް ގެންގުޅުއްވާ ހާއްސަ ތަޞައްވުރުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. ރައީސް މުޢިއްޒުގެ އަމާޒަކީ 2028 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެއްދެވުމެވެ. ކެންދޫގައި ގާއިމުކުރެވޭ މި ހައިބްރިޑް ނިޒާމަކީ އެ ތަޞައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެކެވެ.
މި ނިޒާމުގެ ސަބަބުން ކެންދޫގެ ރައްޔިތުންނަށް އިތުބާރު ހުރި، ދެމެހެއްޓެނިވި ކަރަންޓުގެ ޚިދުމަތެއް ލިބިގެންދާނެއެވެ.
