ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، "ބޯހިޔާވަހިކަން އެންމެންނަށް" ޕޯޓަލް ލޯންޗުކޮށްފި
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން މާލެ ސަރަޙައްދުން ދޫކުރާ ބިމާއި ފުލެޓަށް އެދި ހުށަހެޅުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ހުޅުވާލައިފިއެވެ.
އުސޫލު ނަންބަރު 37-ޖީ/2025 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު) ގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ 15,000 (ފަނަރަ ހާސް) ގޯއްޗެވެ. ކެޓަގަރީ 1، މާލޭ ރަށްވެހިންނަށް އަދި ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. އަދި ކެޓަގަރީ 2، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ.
މި އުސޫލުގެ ދަށުން މާލޭގެ ރަށްވެހިންނަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 10,000 (ދިހަ ހާސް) ގޯއްޗެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3000 (ތިންހާސް) ގޯއްޗާއި މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް 500 (ފަސް ސަތޭކަ) ގޯތި ދޫކުރުމުގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުންނާއި އަދި އެ ބިމެއް ތަރައްޤީކުރުމަށް ދަތިވާ ގޯތިތަކާ ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް މި އުސޫލުގެ ދަށުން 1500 (އެއްހާސް ފަސް ސަތޭކަ) ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
އުސޫލު ނަންބަރު 31-ޖީ/2025 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު) ގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 7900 (ހަތް ހާސް ނުވަ ސަތޭކަ) ފްލެޓެވެ. މި އުސޫލުގެ ދަށުން މާލޭގެ ރަށްވެހިންނަށް ދޫކުރުމަށްހަމަޖެހިފައިވަނީ 4000 (ހަތަރު ހާސް) ފުލެޓެވެ. އަދި މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1500 (އެއްހާސް ފަސް ސަތޭކަ) ފުލެޓު ދޫކުރުމަށްހަމަޖެހިފައިވާއިރު، ޚާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް 2400 (ދެހާސް ހަތަރުސަތޭކަ) ފުލެޓު ދޫކުރުމަށް ހަމަޖެހިފައިވެއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމްގެ ދަށުން ދޫކުރާ ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 04 މާރިޗު 2026 ވާ ބުދަ ދުވަހުގެ 23:59 އެވެ. އަދި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމްގެ ދަށުން ދޫކުރާ ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 17 އޭޕްރިލް 2026 ވާ ހުކުރު ދުވަހުގެ 23:59 އެވެ. ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ މިނިސްޓްރީގެ ޕޯޓަލް (https://boahiyaavahikan.housing.gov.mv) މެދުވެރިކޮށެވެ.
