މިނިސްޓަރު ޠާރިޤު އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކްގައި ބައިވެރިވެވަޑައިގެން ފާފު އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނާ ބައްދަލުކުރައްވައިފި
މިނިސްޓަރު ޠާރިޤު އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކްގައި ބައިވެރިވެވަޑައިގެން ފާފު އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނާ ބައްދަލުކުރައްވައިފި
މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ތާރިޤް އިބްރާހީމް، އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް (އޭޑީއެސްޑަބްލިއު) 2026 އަދި ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.
މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ޠާރިޤް ވަނީ ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒްގެ "ގްލޯބަލް ހައި ސްކޫލްސް – ސައުތު އޭޝިއާ" ކެޓަގަރީން އެއްވަނަ ހޯދި ރާއްޖޭގެ ފާފު އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނާ ބައްދަލުކުރައްވައި، އެ ކުދިން ހޯދި ބޮޑު ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެފައެވެ.
ފާފު އަތޮޅު ތަޢުލީމީ މަރުކަޒުން މި އެވޯޑު ކާމިޔާބުކުރީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ތަރައްޤީގެ އާދަޔާޚިލާފު މަޝްރޫޢަކާއެކުގައެވެ. މި މަޝްރޫޢުގެ ދަށުން އެ ސްކޫލުގައި އިރުގެ ހަކަތަ (ސޯލާ) އާއި ވައިގެ ހަކަތަ (ވިންޑް) ބޭނުންކޮށްގެން ކަރަންޓު އުފެއްދުމާއި، ވާރޭފެން ނަގައި ރައްކާކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ޔޫވީ ފިލްޓްރޭޝަން މެދުވެރިކޮށް ފެން ސާފުކުރުމާއި، ހައިޑްރޯޕޯނިކްސް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމުގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޑޭޝްބޯޑުތައް މެދުވެރިކޮށް މި ނިޒާމުތައް މޮނިޓަރކޮށް ބެލެހެއްޓުމަށް މި މަޝްރޫޢުގައި ފަރުމާކޮށްފައިވެއެވެ.
މިނިސްޓަރު ތާރިޤް ވިދާޅުވީ، ބައިނަލްއަޤުވާމީ މިފަދަ ޝަރަފުވެރި މައިދާނެއްގައި ދިވެހި ދަރިވަރުން ހޯދި މި ކާމިޔާބީއަކީ މުޅި ރާއްޖެއަށް ލިބުނު ފަޚުރެއް ކަމަށާއި، މިއީ ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.
ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒަކީ ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޔޫއޭއީ ސަރުކާރުން ކޮންމެ އަހަރަކު ދެމުންދާ އެވޯޑެކެވެ.
