logo
banner image

އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ މަސައްކަތުގައި 'އޭއައި' ގެ ދައުރާ ގުޅޭގޮތުން މިނިސްޓަރު ޠާރިޤު މަޝްވަރާކުރައްވައިފި

އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އެޖެންސީ (އައިރީނާ) ގެ 16 ވަނަ އެސެމްބްލީގެ ހަވާސާގައި ބޭއްވި، ވަޒީރުންގެ ފެންވަރުގެ މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ.

12 ޖެނުއަރީ 2026 ގައި ބޭއްވުނު މި ބައްދަލުވުމަކީ "އިއާދަކުރަނިވި ހަކަތައަށް ބަދަލުވުން އަވަސްކުރުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދައުރު" މި މައުޟޫއަށް އަމާޒުކޮށްގެން ކުރިއަށްދިޔަ ބައްދަލުވުމެކެވެ.

މި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރު ޠާރިޤު ވަނީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ފުރިހަމައަށް ގުޅާލުމަށާއި، ކަރަންޓު ވިއުގަ ނުވަތަ ގްރިޑްތަކުގެ ވަރުގަދަކަން އިތުރުކުރުމުގައި އޭއައި ބޭނުންކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ފަންނީ ވާހަކަފުޅުތަކެއް ދައްކަވާފައެވެ. މީގެ އިތުރުން، ދެމެހެއްޓެނިވި ކުރިއެރުމަށް މަގުފަހިކުރުމަށްޓަކައި އައު އީޖާދުތަކުގެ އެހީގައި ހަކަތައިގެ ދާއިރާއަށް ގެނެވިދާނެ ބަދަލުތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެއްޓާއި ހަކަތައިގެ ދާއިރާއިން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން، ރާއްޖެއަކީ ބައިނަލްއަޤްވާމީ މައިދާނުގައި މިފަދަ މުހިންމު މަޝްވަރާތަކުގައި އިސްދައުރެއް އަދާކުރަމުންދާ ޤައުމެކެވެ.

މި ބައްދަލުވުމަކީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ކުރިއަރާފައިވާ ޤައުމުތަކުގެ ތަޖުރިބާ ހިއްސާކޮށް، ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް އޭއައިގެ ޒަރީއާއިން ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތްތައް ދެނެގަތުމަށް ލިބުނު މުހިންމު ފުރުޞަތެކެވެ.