logo
banner image

ރ. ވާދޫ ގްރީން ފާމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު ޑރ. މަރްޔަމް މާރިޔާ ދެއްވެވި ޚިޠާބު

بسم الله الرحمن الرحيم

ޔޫ.އެން.ޑީ.ޕީ ގެ ޑެޕިއުޓީ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ޕެކް ޗުއާން ގާން (Pek Chuan Gan)، ޗައިނާ އެމްބަސީގެ ކައުންސެލަރ މިސްޓަރ ޒޭންގް ޒޫ (Mr. Zhang Xu)، ވާދޫ ކައުންސިލްގެ ރައީސް ހުސައިން އަލީ، ވާދޫ އެސޯސިއޭޝަން ފޯ ފިއުޗާ ޑިވެލޮޕްމަންޓްގެ ރައީސް އަހުމަދު ޒިޔާއު، ވިމަން ޑިވެލޮޕްމަންޓް ކޮމިޓީގެ ރައީސް ފާއިޒާ ޔޫނުސް، މި ރަސްމިއްޔާތަށް ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން،

އައްސަލާމް ޢަލައިކުމް ވަރަޙުމަތުﷲ ވަބަރަކާތުހޫ.

މިއަދު ވާދުއަށް ޒިޔާރަތްކޮށް، "ގްރީން ފާމް" ގައި ކުރިއަށްދާ ނަމޫނާ މަސައްކަތްތައް އަމަލީ ގޮތުން ބަލައިލުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. އެންމެ ފުރަތަމަވެސް، "ވާދޫ އެސޯސިއޭޝަން ފޯ ފިއުޗަރ ޑިވެލޮޕްމަންޓް" އާއި، މި މަޝްރޫޢު ކާމިޔާބުކަމާއެކު ޙަޤީޤަތަކަށް ހެދުމަށްޓަކައި ދަރުމަވެރިން ކުރެއްވި އިޚްލާޞްތެރި އަދި ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެ ހުރިހާ ފަރާތްތަކަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މިއަދުގެ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ދަނޑުވެރިންނާ މުޚާޠަބުކޮށް އެއްޗެއް ދަންނަވާލުމަކީ އަޅުގަނޑަށް ލިބޭ ނުހަނު ބޮޑު އުފަލެއް ކަން ފާހަގަކުރަން. ތިޔަބޭފުޅުންނަކީ މި ދާއިރާގެ އެންމެ ވަރުގަދަ އަދި އެންމެ މުހިންމު އެއް ތަނބު. ދަނޑުވެރިކަންކުރުމުގެ އައު ޓެކްނޮލޮޖީތަކަށް އަހުލުވެރިވެ، ހައިޑްރޯޕޯނިކްސް ފަދަ ޒަމާނީ ދަނޑުވެރިކަމުގެ އުކުޅުތައް ބަލައިގަނެ، އިޔާދަކުރަނިވި ހަކަތައިގެ ނިޒާމުތަކަށް އިސްކަންދެއްވުމަށް ތިޔަ ކުރައްވާ މަސައްކަތުން ހާމަވަނީ ދަނޑުވެރިކަންކުރުމުގެ ވައްޓަފާޅި ޒަމާނާ އެއްގޮތަށް ތަރައްޤީކުރުމަށް ކުރާ ހިތްވަރާއި ދުރުވިސްނުން.

2015 ވަނަ އަހަރުން ފެށިގެން ތިޔަބޭފުޅުންގެ ތެރެއިން ގިނަ ބަޔަކު ހައިޑްރޯޕޯނިކްސްގެ ދާއިރާގައި ދެމިތިއްބަވައި، ހޯއްދެވި ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި ތަޖުރިބާގެ ސަބަބުން، ވާދޫ މިއަދު މިވަނީ ރާއްޖޭގެ ޒަމާނީ ދަނޑުވެރިކަމުގެ ނަމޫނާ ރަށެއްގެ ގޮތުގައި ފާހަގަކުރެވިފައި. ތިޔަބޭފުޅުންގެ އަތްޕުޅުން ހަމައެކަނި ގޮވާން ކުރައްވަނީއެއް ނޫން. އޭގެ ބަދަލުގައި ތިޔަ ކުރައްވަނީ ޢިލްމާއި، އައު އީޖާދުތަކާއި، އަދި ތިޔަ އަޅުއްވަނީ އަންނަން އޮތް ޖީލުތަކުގެ މުސްތަޤުބަލަށްޓަކައި ދެމެހެއްޓެނިވި ވަރުގަދަ ބިންގަލެއްކަން ފާހަގަ ކުރަން.

ޚާއްޞަކޮށް، އަންހެން ދަނޑުވެރިން ތިޔަ ދައްކަވައިދެއްވަނީ އިޤްތިޞާދީ މިނިވަންކަމާއި ކާނާގެ ރައްކާތެރިކަމަކީ އެކެތި އަނެކެއްޗާ ގުޅިލާމެހިފައިވާ ބަހާތަކެއްކަން ތިޔަބޭފުޅުންނަށް ކުރިމަތިވި ގޮންޖެހުންތަކާއި ހުރަސްތައް ގިރާކުރައްވައި، ތިޔަ ހޯއްދެވި ކާމިޔާބީއަކީ ތައުރީފު ޙައްޤު މަސައްކަތްތަކެއް. މި މަޝްރޫޢުގައި ތިޔަބޭފުޅުންގެ ބައިވެރިވުމަކީ، ދަނޑުވެރިކަމާއި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިސް ސަފަކަށް ނުކުތުމަށް މުޅި ރާއްޖޭގެ އަންހެނުންނަށް ލިބިގެންދާނެ ނުހަނު ބޮޑު ހިތްވަރެއް.

ތިޔަބޭފުޅުންނަކީ މުޅި ޤައުމަށް ހުރި މަތިވެރި ނަމޫނާއެއް. މި މަޝްރޫޢަކީ ހަމައެކަނި ދަނޑުވެރިކަމުގެ ހަރަކާތެއް ނޫން. މިއީ އިޖާދީ އައު އުކުޅުތަކާއި، ދެމެހެއްޓެނިވި ތަރައްޤީގެ އިތުރުން މުޖުތަމަޢު ބާރުވެރިކުރުވުމުގެ ރީތި ނަމޫނާއެއް. މިއީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތް އާ އުސްމިންތަކަކަށް ގެންދިއުމަށްޓަކައި ނުހަނު ބޭނުންތެރި ފިލާވަޅުތަކެއް ލިބިގެންދާނެ މުހިންމު މަސައްކަތެކެއްކަން ފާހަގަ ކުރަން.ތިޔަބޭފުޅުންގެ އިސްނެންގެވުމުގެ ތެރެއިން އަޅުގަނޑަށް ޚާއްޞަ ސަމާލުކަމެއް ދެވުނު މުހިންމު ކަންތައްތަކެއް ފާހަގަކޮއްލާނަން.

އެގޮތުން މި މަޝްރޫޢުގައި އެންމެ އިސްކަމެއް ދެވިފައިވަނީ ހައިޑްރޯޕޮނިކްސް ދަނޑުވެރިކަމުގެ ޒަރީޢާއިން އަންހެނުން ބާރުވެރިކުރުވުމަށް ކަން ފާހަގަކުރަން. އަންހެނުންނަށް ދަނޑުވެރިކަމުގެ ޒަމާނީ ފަންނުތަކާއި ހުނަރުތައް އުނގަންނައިދީ، އަމިއްލައަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކޮށްދިނުމަކީ، ރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އާއިލާތަކުގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ.

ދެވަނަ ކަމަކީ، އިއާދަކުރަނިވި ހަކަތައަށް އިސްކަންދިނުން. ހައިޑްރޯޕޮނިކްސް ނިޒާމުތައް ހިންގުމުގައި 6 ކިލޯވޮޓުގެ ސޯލާ ޕެނަލް ބޭނުންކުރުމަކީ، ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދެވިދާނެކަމުގެ ހެއްކެއް. މީގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭސް ނުވަތަ "ކާބަން ފުޓްޕްރިންޓް" މަދުކުރެވުމުގެ އިތުރުން، މަސައްކަތް ހިންގުމަށް ހިނގާ ޚަރަދުތައްވެސް ނިސްބަތުން ކުޑަކުރެވިގެންދާނެ .

ތިންވަނަ ކަމެއްގެ ގޮތުން ފާހަގަކޮށްލެވެނީ، ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި ކުރެވެމުންދާ މުހިންމު މަސައްކަތްތައް. ޚާއްޞަގޮތެއްގައި، ނެތިދިއުމުގެ ބިރު ކުރިމަތިވެފައިވާ އަދި މަދުން ފެންނަ ގަސްގަހާގެހި އާލާކުރުމާއި، ބޮނބި ބޭނުންކޮށްގެން ބޮނބިކުނޑި އުފެއްދުމުގެ މަސައްކަތަކީ، ދިވެހިރާއްޖޭގައި 'ސާކިއުލާ އިކޮނޮމީ' ނުވަތަ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ އުސޫލުތައް ފުޅާކުރަންޖެހިފައިވާ މިންވަރު ހާމަކޮށްދޭ މުހިންމު ކަމެއް. މިއީ ތިމާވެށީގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ އިތުރުން، އިޤްތިޞާދީ ގޮތުންނާއި ވިޔަފާރީގެ ނަފާ އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމެއްކަން ފާހަގަކުރަން.

މި މަޝްރޫޢުގެ ދަށުން ގާއިމުކޮށްފައިވާ އުމްރާނީ ވަސީލަތްތަކަކީ ނުހަނު ފުރިހަމަ، އިންތިޒާމުތަކެއްކަން ފާހަގަކޮށްލަން. އެގޮތުން 5،000 އަކަފޫޓުގެ ސަރަޙައްދެއްގައި ހައިޑްރޯޕޯނިކްސްގެ 12 ނިޒާމު ގާއިމުކޮށްފައިވާއިރު، ކޮންމެ ނިޒާމަކަށް 2،000 ލީޓަރުގެ ފެން ރައްކާކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި. އަދި މުޅި އަހަރު ދުވަހު މެދުނުކެނޑި ފެން ފޯރުކޮށްދިނުމަށްޓަކައި، 5،000 ލީޓަރުގެ އިތުރުން، ފެން ރައްކާކުރާ އިތުރު ތިން ނިޒާމެއް ބިނާކޮއްފައިވޭ.

ޚާއްޞަކޮށް ވާރޭފެން ނަގައި ރައްކާކުރެވޭނެ ނިޒާމެއް މީގެ ތެރޭގައި ހިމަނާފައިވުމަކީ، ދުރު މުސްތަޤުބަލަކަށް މިމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެޅިފައިވާ ހަރުދަނާ ފިޔަވަޅެއްކަން ފާހަގަކޮއްލަން.

I must take a moment to express our sincere gratitude to the United Nations Development Program (UNDP) and the Global Environment Facility Small Grants Program (GEF-SGP) for their support through the Global Support Initiative. The $50,000 funding through the ICCA-GSI program, supported by the German Ministry of Environment, has been instrumental in bringing this vision to life.

This partnership represents the kind of international cooperation that amplifies local innovation. UNDP and GEF-SGP have not just provided funding; they have invested in community capacity, environmental conservation, and sustainable development. Your continued support for community-based initiatives like this is helping the Maldives achieve our climate and development goals.

Thank you!

ދިވެހިރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކޮށް، ރ. ވާދޫއަކީ އިއާދަކުރަނިވި ހަކަތައިން ހިންގާ ރާއްޖޭގެ ފުރަތަމަ މީހުން ދިރިއުޅޭ ރަށަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ތަޞައްވުރު ތަންފީޒުކުރުމުގައި، މިފަދަ މަޝްރޫޢުތަކަކީ ނުހަނު މުހިންމު ދައުރެއް އަދާކުރާނެ ކަންކަމެއް. ތިޔަބޭފުޅުންގެ މި މަސައްކަތަކީ ހަމައެކަނި ދަނޑުވެރިކަމުގެ އުފެއްދުންތަކެއް ނެރުމެއްނޫން. އޭގެ ބަދަލުގައި، މިއީ ޤައުމީ މަސައްކަތެއްގެ އުއްމީދު އާލާވެ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހިތްވަރު ދައްކުވައިދޭ، އަދި ޤައުމަށްޓަކައި ބިނާކުރެވޭ ދެމެހެއްޓެނިވި މުސްތަޤުބަލެއްކަން ފާހަގަކުރަން.

މީގެ އިތުރުން، މިއީ އަންނަން އޮތް ޖީލުތަކަށްޓަކައި އަޅުގަނޑުމެންގެ ތިމާވެށީގެ މުއްސަނދިކަމާއި ދިރުންތައް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ އަގުހުރި މަސައްކަތެއްކަން ޔަޤީން.

ޝުކުރިއްޔާ!

ވަޢަލައިކުމުއްސަލާމް ވަރަޙުމަތުﷲ ވަބަރަކާތުހޫ.