logo
banner image
ޞިއްޙީ ވުޒާރާ

ދުންފަތުގެ ބާވަތްތައް ރަޖިސްޓްރީ ކުރުމާއި ދުންފަތުގެ ބާވަތްތަކުގައި ޞިއްޙަތުގެ އިންޒާރު ޖެހުމުގެ އުޞޫލަށް ބައެއް ބަދަލު ގެނައުން

ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް އަދި ރާއްޖޭގައި ވިއްކާ ފަރާތްތަކުން ޢަމަލުކުރުމަށް ގަވާއިދު ނަންބަރު: 2025/R-21 (ދުންފަތް ކޮންޓްރޯލް ކުރުމާގުޅޭ އާއްމު ގަވާއިދު) ގެ ދަށުން ލާޒިމު ކުރާ، ދުންފަތުގެ ބާވަތްތައް ރަޖިސްޓްރީ ކުރުމާއި ދުންފަތުގެ ބާވަތްތަކުގައި ޞިއްޙަތުގެ އިންޒާރު ޖެހުމުގެ އުސޫލަށް އަންނަނިވި ބަދަލުތައް ވަނީ ގެނެވިފައެވެ.

ޑިޒައިން އެންޑް ލޭއައުޓް ރިކުއަރމަންޓްސް ފޮރ ހެލްތު ވޯރނިންގ (2 ވަނަ އިޞްލާޙު) 23 ޑިސެންބަރު 2025

ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތައް ހުންނަންވާނީ މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ އަދި އާއްމު ކުރާ އުސޫލާއި އެއްގޮތަށް ޞިއްޙަތުގެ އިންޒާރުގެ ނޯޓިސް ޖަހާފައެވެ. 2025 ޑިސެންބަރު 23 ވަނަ ދުވަހު ކޮށްފައިވާ ނަންބަރު: (IUL)23-L/23/2025/408 އިން އާއްމު ކޮށްފައިވާ، މި އުސޫލަށް ގެނެވުނު 2 ވަނަ އިޞްލާޙުގައި އަންނަނިވި ބަދަލުތައް ބަޔާން ކޮށްފައި ވެއެވެ.

1- މިހާރު ޢަމަލު ކުރަމުން ދާ އުސޫލަށް 2025 ޖުލައި 29 ގައި ގެނެސްފައިވާ 1 ވަނަ އިސްލާހުގައި ހިމެނޭ ބަދަލު ތަކަށް ޢަމަލު ކުރުން ލާޒިމުވާ ސުންގަޑި ވަނީ 2026 ޖަނަވަރީ 28 އިން 2026 ޖުލައި 28 އަށް ފަސް ކުރެވިފައެވެ.

2- ބުނެވި ދިޔަ އުސޫލުގެ 1 ވަނަ އިޞްލާޙުން، އެ ބާވަތްތަކެއްގައި ޞިއްޙަތުގެ އިންޒާރު ޖެހުމަށް އަލަށް ކަނޑައަޅާފައިވާ ދުންފަތުގެ ބާވަތްތައް، 2026 ޖުލައި 28 ގެ ފަހުން ރާއްޖެއަށް އެތެރެ ކުރެވޭނީ އަދި ރާއްޖޭގައި ވިއްކޭނީ އެ އުސޫލުން ތަޢާރަފު ކޮށްފައިވާ ގޮތަށް ޞިއްޙަތުގެ އިންޒާރު ޖަހައިގެންނެވެ. އެގޮތަށް ޞިއްޙަތުގެ އިންޒާރު ނުޖަހާ، ކުރިން އެތެރެކޮށްފައިވާ މިފަދަ ބާވަތްތައްވެސް 2026 ޖުލައި 27 ގެ ފަހުން ވިއްކުން ހުއްދަ ނުވާނެތީ، ޞިއްޙަތުގެ އިންޒާރު ނުޖަހާ މިހާރު ގެންނަ މިފަދަ ބާވަތްތައް އެތެރެކުރާ ފަރާތްތަކުން (ޞިއްޙަތުގެ އިންޒާރު ޖެހުން މިހާރު ލާޒިމުނުވާ ބާވަތްތައް، އިންޒާރު ނުޖަހާ އެތެރެކުރުން މިހާރު ހުއްދަ ނަމަވެސް 2026 ޖުލައި 27 ގެ ނިޔަލަށް އެތަކެތި ވިއްކާ ޚަލާސް ކުރަންޖެހޭނެކަން ހަނދާންކޮށް) މިކަމަށް ސަމާލުވާން ވާނެއެވެ.

3- އެ ބާވަތްތަކެއްގައި ޖެހުމަށް އަލަށް، ޞިއްޙަތުގެ އިންޒާރު ތަޢާރަފު ކުރެވިފައިވާ ދުންފަތުގެ ބާވަތްތަކުގައި، ޞިއްޙަތުގެ އިންޒާރު ޖަހަންޖެހޭ ސުންގަޑި 2026 ޖުލައި 28 ގެ ނިޔަލަށް ފަސް ކުރެވިފައިވީ ނަމަވެސް، އެ ތާރީޚުގެ ކުރިން އެގޮތަށް ޞިއްޙަތުގެ އިންޒާރު ޖަހާ އެތެރެ ކުރުމަކަށް އަދި ވިއްކުމަކަށް މި ގެނެވުނު ބަދަލުން ހުރަހެއް ނާޅައެވެ.

ރަޖިސްޓަރޑް ޓޮބޭކޯ ޕްރޮޑަކްޓްސް ލިސްޓް - (22 ޑިސެމްބަރު 2025 ގައި އަދާ ހަމަކުރެވިފައި)

1- މި ލިސްޓަކީ ޤާނޫނާއި ގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އަދި ޤާނޫނުގައި ތަންފީޒީ މިންގަނޑުތައް ކަނޑައެޅުމުގެ ޤާނޫނީ ޒިންމާއާއި އިޚްތިޔާރު ދީފައިވާ ފަރާތްތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް އެކުލަވާލައި ޢާއްމުކޮށް އަދި ގަވާއިދުން އަދާ ހަމަކޮށް ޢާއްމު ކުރަމުންދާ ލިސްޓެކެވެ.

2- މި ލިސްޓްގައި ހިމެނޭނީ، ގަވާއިދަށް ޢަމަލު ކުރަންފެށި ތާރީޚުގެ ކުރިން ރާއްޖެ (ކަނޑައެޅޭ މުއްދަތެއްގައި) އެތެރެކޮށްފައިވާ ދުންފަތުގެ ހުރިހާ ބާވަތްތަކާއި، ގަވާއިދަށް ޢަމަލުކުރަން ފެށި ފަހުން، އަލަށް އެތެރެ ކުރުމަށް ގަވާއިދުގެ ދަށުން ރަޖިސްޓްރީ ކުރެވޭ ބާވަތްތަކެވެ. އަލަށް ރަޖިސްޓްރީ ކުރެވޭ ބާވަތްތައް ލިސްޓްގައި ހިމަނާފައިވާނީ ރަޖިސްޓްރޭޝަން ނަންބަރަކާ އެކުގައެވެ.

3- ދުންފަތުގެ އެއް ބްރޭންޑެއްގެ ތަފާތު ފްލޭވާރސް (ދުންފަތުގައި ތަބަޢީ ގޮތުން ހުންނަ ރަހަ ފިޔަވާ އެއަށް އިތުރަށް އަޅާފައި ހުންނަ ރަހަ ނުވަތަ އެޑެޑް އެންޑް ކަރެކްޓަރައިޒިންގ ފްލޭވަރސް) ހިމެނޭ ބާވަތްތަކާއި، އަދި އެ ބާވަތެއް ޕެކެޓް ކުރެވިފައިވާއިރު ޕެކެޓްގައި ތަކެތި ހުންނަ ޢަދަދާއި އެ ބާވަތެއް އުފެއްދި ޤައުމަށް ބަލާ، ތަފާތު އައިޓަމެއްގެ ގޮތުގައި މިހާރުގެ ލިސްޓްގައި ހިމަނާފައި ވާނެއެވެ. ނަމަވެސް 2025 ޑިސެންބަރު 22 ގައި އަދާ ހަމަކުރި ލިސްޓްގައި، ރާއްޖޭގައި އަލަށް ރަޖިސްޓްރީ ކުރާ ދުންފަތުގެ ބާވަތްތައް ރަޖިސްޓްރީކޮށް ލިސްޓް ގައި ހިމަނާއިރު، އެއް ބާވަތެއްގެ އެއް ބްރޭންޑެއްގެ ތަފާތު ފްލޭވަރސް އެތެރެ ކުރިނަމަވެސް ފްލޭވަރސް އަށް ބަލައި ވަކިން ރަޖިސްޓްރީ ކުރުން މިހާރު ލާޒިމު ނުވާތީ، ތަފާތު ބާވަތެއްގެ ގޮތުގައި ލިސްޓްގައި ހިމަނާއިރު އެއީ ވަކި އައިޓަމެއް (ޕްރޮޑަކްޓެއް) ގެ ގޮތުގައި ބަލައި ހިމަނާނީ، ދުންފަތުގެ އެ ބާވަތެއް ނިޞްބަތްވާ ބާވަތް ނުވަތަ ކެޓަގަރީ (ސްމޯކިން، ސްމޯކްލެސް، ހީޓެޑް ޓޮބޭކޯ، އެހެނިހެން) އާއި، ބްރޭންޑް އަދި އުފެއްދި ޤައުމު އެއްގޮތް ވާނަމަ އެވެ. އަދި މިއިން އެއްވެސް ބައެއް ތަފާތު ވާނަމަ، ވަކިން ރަޖިސްޓްރީކޮށް ވަކި އައިޓަމެއް (ޕްރޮޑަކްޓެއް) ގެ ގޮތުގައި ލިސްޓް ކުރަން ޖެހޭނެއެވެ.

4- ބުނެވިދިޔަ ބަދަލާއެކު، ދުންފަތުގެ އެއް ބާވަތެއްގެ އެއް ބްރޭންޑަކަށް ނިސްބަތްވާ ތަފާތު ފްލޭވަރސް ވަކިން ރަޖިސްޓްރީ ކުރަން ނުޖެހުނު ނަމަވެސް، ތަފާސް ހިސާބުގެ ބޭނުމަށް ޓަކައި، ދުންފަތުގެ އެއްވެސް ބާވަތެއް އެތެރެ ކުރާއިރު، އެ ބާވަތަކީ ފްލޭވަރސް ހިމެނޭ ބާވަތެއްނަމަ، ތަކެތި އެތެރެ ކުރާ މަރުޙަލާގައި އެ މަޢުލޫމާތު ހިމެނޭ ލިއެ ކިއުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ހުށަހަޅަން ޖެހޭނެއެވެ.