logo
banner image

2023 ވަނަ އަހަރު މަހުގެ ބާވަތްތަކަށް އަގު އެއްކޮށް، އެކްސްޕޯޓުކޮށްގެން އެންމެ މަތީ އާމްދަނީއެއް ހޯދައިފައިވާ ކުންފުނި

2023 ވަނަ އަހަރު މަހުގެ ބާވަތްތަކަށް އަގު އެއްކޮށް، މަހުގެ އުފެއްދުންތައް ތައްޔާރުކޮށް، ދިވެހިރާއްޖެއިން އެކްސްޕޯޓުކޮށްގެން އެންމެ މަތީ އާމްދަނީއެއް ހޯދައިފައިވާ ކުންފުންޏަކީ ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް އެވެ.

ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަކީ 2003 ވަނަ އަހަރުގެ އޭޕްރީލް މަހު ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެކެވެ.

ހޮރައިޒަން ފިޝަރީޒްގެ ޕްރޮސެސިން އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ ލާމު އަތޮޅު މާންދޫގައި ގާއިމު ކޮށްފައިވާ މާންދޫ ފިޝަރީޒް ކޮމްޕްލެކްސް (އެމް.އެފް.ސީ) ގައެވެ. ކުންފުނީގެ ފަރާތުން ހިންގަމުން ގެންދާ މުޙިއްމު މަސައްކަތްތަކުގެ ތެރޭގައި ކަނޑުމަހުގެ ބާވަތްތައް ގަނެ ރައްކައުކުރުމާއި، ޕްރޮސެސްކުރުމާއި، މާކެޓްކޮށް، އެކްސްޕޯޓުކުރުން ހިމެނެއެވެ.

މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގައި 80 މެޓްރިކް ޓަނުގެ ޕްރޮސެސިންގް ފެކްޓަރީއަކާއި، 15 މެޓްރިކް ޓަނުގެ ޗިލްޑް އެންޑް ފްރޯޒަން ޓޫނާ ލޮއިންސް ޕްލާންޓަކާއި، 10 މެޓްރިކް ޓަނުގެ ޓްރެޑިޝަނަލް ސްމޯކްޑް އެންޑް ޑްރައިޑް ޓޫނާ ޔުނިޓަކާއި، ފިޝް މީލް އުފައްދާ ޕްލާންޓެއް ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުން މަސް ގަތުމަށްފަހު މަހުގެ ބާވަތްތައް އުފައްދާ ފެކްޓަރީތަކަށް މަސް އުފުލުމަށް ބޭނުންކުރާ 3 އުޅަނދު މިވަގުތު ހޮރައިޒަންއިން އޮޕަރޭޓް ކުރެއެވެ.

ހޮރައިޒަން ފިޝަރީޒްއަކީ ތިމާވެއްޓާއި ރައްޓެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ޚާއްސަ [މެރިން ސްޓިވަރޑްޝިޕް ކައުންސިލް] (އެމް.އެސް.ސީ) އަދި އިޖްތިމާޢީ ގޮތުން ފައިދާހުރި އުފެއްދުންތަކަށް ޚާއްސަ [ފެއަރ ޓްރޭޑް] ލޯގޯ ޖަހާފައިވާ ދަޅު މަހުގެ އުފައްދުންތައް އުފައްދާ އެކްސްޕޯޓް ކުރަން ފެށި ދުނިޔޭގެ ފުރަތަމަ ކުންފުންޏެވެ.