މަސްވެރިކަމުގެ ޞިނާޢަތަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށްދެވޭ އިނާމް
އއ. އުކުޅަސް މުރީދުގޭ، ޒަހިއްޔާ މުޙައްމަދަކީ މަސްވެރިކަމުގެ ޞިނާޢަތަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެކެވެ.
މީގެ ތިރީސް އަހަރު ކުރިން މިނިސްޓްރީ އިން ހިންގި ބުޅިޖެހުމުގެ ކޯހެއްގެ ތެރެއިން ތަމްރީނުވެގެން، މިދާއިރާއަށް ނުކުންނެވި ޒަހިއްޔާ އަކީ މިކޯހުން ދަސްވެނިވެވަޑައިގެންނެވި ބުޅިވެރިންގެ ތެރެއިން މިއަދާހަމައަށް މި މަސައްކަތުގައި ދެމިހުީ ޒަހިއްޔާ އެކަންނެވެ.
ޒަހިއްޔާ މުޙައްމަދު އެންމެ ފުރަތަމަ ބުޅިހެދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ފެއްޓެވިއިރު އުމުރުން އެންމެ 13 އަހަރެއެވެ. އޭރުގެ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން 1993 ވަނަ އަހަރު އއ. އުކުޅަހުގައި ހިންގި ބުޅިޖެހުމުގެ ކޯހުގައި ބައިވެރިވި 14 ބައިވެރިންގެ ތެރޭގައި ޒަހިއްޔާ ހިމެނި ވަޑައިގެންނެވިއެވެ. މިކޯހުގެ ބައިވެރިއެއްގެ ހައިސިއްޔަތުން ދަގަނޑު ތަޅާ، ގިރުބާ އަނބުރައިގެން ބުޅިޖެހުމުގެ މަސައްކަތްކުރުމުގެ އިތުރުން، އެކި ބާވަތުގެ ބުޅި ބައްޓަންކުރާނެ ގޮތުގެ މަޢުލޫމާތު ލިބިގެންދިޔައެވެ. އަދި މި ކޯހުން ދަސްވެނިވެވަޑައިގެންނެވި ބުޅިވެރިންގެ ތެރެއިން މިއަދާހަމައަށް މި މަސައްކަތް ކުރައްވަމުން ގެންދަވާ ހަމައެކަނި ފަރާތަކީ ޒަހިއްޔާއެވެ.
ސްކޫލް ނިންމުމަށްފަހު ޒަހިއްޔާ އެންމެ ފުރަތަމަ މި މަސައްކަތުގައި ހަރަކާތްތެރިވާން ފެއްޓެވީ ބުޅިހެދުމުގެ މަސައްކަތްކޮށް އުޅުއްވި ދޮންބައްޕަގެ އެހީތެރިއަކަށެވެ. ދެން އެއަށްފަހު ކައިވެނި ބައްލަވައިގެން، އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި ބުޅިހެދުމުގެ މަސައްކަތް ކުރަން ފެއްޓެވިއެވެ. ބުޅި ފަރުމާކުރުމުގައި މަސްވެރިކަމުގައި ބޭނުންކުރާ އެކި ތަފާތު އުކުޅުތަކާއި، އަމާޒުކޮށްގެން ހިފާ މަހުގެ ބާވަތާއި، މަސްވެރިކަމަށް އައިސްފައިވާ ބަދަލުތަކާ އެއްގޮތަށް މަސައްކަތް ބައްޓަންކުރެއްވިއެވެ. މިގޮތުން، ރާއްޖޭގައި އަތުނަނުގެ ބޮޑުކަންނެލީގެ މަސްވެރިކަން ފެށިގެން އައި ދުވަސްވަރާ ދިމާކޮށް، އެ މަސްވެރިކަމުގައި ބޭނުންކުރާ އެމުގެ ބާވަތްތަކަށް އަމާޒުކޮށްގެން ކުދި ބުޅީގެ ޚާއްސަ ބާވަތްތަކެއް ފަރުމާކުރެއްވިއެވެ.
