މިހާރުވެސް މަސްވެރިކަން ކުރަމުންދާ، ފާހަގަކޮށްލެވޭ ޚިދުމަތެއް ކުރަމުންގެންދާ ޒުވާން ކެޔޮޅު
2.2023 ވަނަ އަހަރުގެ ޚިދުމަތްތެރި ޒުވާން ކެޔޮޅަށް ހޮވިފައިވަނީ ލ. ގަން،ގުރުވަ، ޢަބްދުﷲ ޔަމާން އެވެ.
ޢަބްދުﷲ ޔަމާން މިދާއިރާއަށް ނުކުތީ އުމުރުން އެންމެ 16 އަހަރުފުޅުގައި. މަސްވެރިކަމުގެ ދާއިރާއަށް ނުކުންނަ ޒުވާނުންނަށް އެކަށީގެންވާ ތަޢުލީމާއި ތަމްރީނު ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި ޔަމާން ފާހަގަކުރެއެވެ.
މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ޒުވާނުންގެތެރޭގައި ޢަބްދުﷲ ޔަމާން ފާހަގަކޮށްލެވެނީ މިދާއިރާއާ ގުޅޭ ފަންނީ އަދި ޢިލްމީގޮތުން ގިނަ ތަޖުރިބާ ހޯދައި، އެ ތަޖުރިބާގެ އަލީގައި މަސްވެރިކަމުގައި ޙަރަކާތްތެރިވާ ކުޅަދާނަ ކެޔޮޅެއްގެ ގޮތުގައެވެ.
ބައްޕައާއެކު މަސްވެރިކަމުގައި ހަރަކާތްތެރިވެ، ބައްޕަގެ ފަރާތުން މަސްވެރިކަމުގެ އެކި ކަންކަން ދަސްކުރަން ޔަމާން ފެއްޓެވީ ސްކޫލް ދުވަސްވަރެވެ. އަދި އޯލެވެލް ފުރިހަމަކުރެއްވުމަށްފަހު، މަސްވެރިކަމުގެ ދާއިރާއިން އިތުރަށް ކިޔެވުމަށް ޔަމާން ނިންމަވައި، 2011 ވަނަ އަހަރު ރާއްޖޭގެ ފިޝަރމެންސް އެސޯސިއޭޝަންގެ ފަރާތުން ހިންގެވި މާސްޓަރ ފިޝަމަން ކޯހުގައި ޔަމާން ބައިވެރިވެވަޑައިގަތެވެ. މި ކޯސް ވެގެންދިޔައީ މަސްދޯނީގައި ހަރަކާތްތެރިވާއިރު އެނގެން ޖެހޭ އެންމެ އާދައިގެ ކަންކަމުން ފެށިގެންގޮސް އެންމެ އެޑްވާންސް މިންގަނޑަށް ބޭނުންވާ ކަންކަން ދަސްކުރުމަށް ޔަމާނަށް ލިބުނު މުހިއްމު ފުރުސަތަކަށެވެ. އަދި މިކޯސް ފުރިހަމަކުރި ބައިވެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ޢަމަލީ ތަޖުރިބާގެ ދަތުރެއްގައި އެމެރިކާއަށް ދިއުމުގެ ފުރުސަތު ލިބުނު އިރު، ޔަމާން ވެސް އޭގެ ތެރޭގައި ހިމެނުނު ކަމީ، މިކަމުގައި ދެމިހުރުމަށް އޭނާއަށް ލިބުނު އިތުރު ހިތްވަރެކެވެ. ޔަމާން ހިއްސާކުރެއްވި ގޮތުގައި މި ދަތުރުގައި އެމެރިކާގައި މަސްވެރިކަމުގެ ސިނާޢަތުގެ ކަންކަން ހުރިގޮތް ދަސްވެ، ޒަމާނީ ވަސީލަތްތަކުން މަސްވެރިކަމަށް ލިބިދޭ ލުއިފަސޭހަތަކާއި ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން މަސްވެރިކަން ބެލެހެއްޓުމުގެ މުހިއްމުކަމާއި އެކަމުގެ ފައިދާތައް ވަރަށް ގާތުން ފެނިގެން ދިޔައެވެ.
