logo
banner image

މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ)ގެ އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާއިބެހޭ ގަވާއިދާއި ޚިލާފަށް އެވިޑް ކޮލެޖުން ސްރީ ލަންކާގައި އެ ޕްރޮގްރާމްތައް ހިންގުމާއި ގުޅިގެން އެމް.ކިޔު.އޭ އިން ވަނީ އިޢުލާނެއް ޝާއިއުކޮށްފައެވެ.

މި އިޢުލާނުގައި، އެވިޑް ކޮލެޖަށް އެމް.ކިޔު.އޭގެ ފަރާތުން ހިންގުމަށް އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ސްރީ ލަންކާގެ އެކި ޔުނިވާސިޓީ އަދި ކޮލެޖްތަކުގައި ހިންގައި، އެވިޑް ކޮލެޖުގެ ސަނަދު ދީފައިކަމަށް އެމް.ކިޔު.އޭ އިން ވަނީ ހާމަކުރައްވައިފައެވެ. އަދި ސްރީ ލަންކާގެ މި އިންސްޓިޓިއުޓްތަކަކީ އެ ޤައުމުގެ މަތީ ތަޢުލީމާއި ބެހޭ އިދާރާތަކުގައި ރަޖިސްޓްރީވެފައިނުވާ އިންސްޓިޓިއުޓްތަކެއްކަން ވެސް މި އިޢުލާނުގައި ވަނީ ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން، އެމް.ކިޔު.އޭ އިން ވަނީ އެކްރެޑިޓޭޝަން ދީފައިވާ ގަވާއިދާއި ޚިލާފަށް ޕްރޮގްރާމްތައް ހިންގުމަށް އެމް.ކިޔު.އޭގެ ފަރާތުން އެވިޑް ކޮލެޖަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާކަން ހާމަކުރައްވައިފައެވެ. އެގޮތުން، އެމް.ކިޔު.އޭގެ އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާއި ބެހޭ ގަވާއިދުގެ ދަށުން، އެވިޑް ކޮލެޖްގެ މައްޗަށް އަޅާ ފުރުތަމަ ފިޔަވަޅެއްގެގޮތުން، ނަސޭހަތްތެރިވުމާއެކު މި މައްސަލަ ވަނީ އާންމުކޮށް އިޢުލާންކުރެވިފައެވެ.